ކާލްސްބާގު ރިޖަށް 4.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ.
ކާލްސްބާގު މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ މާލެ އާއި 912 ކިލޯ މީޓަރު ދުރުންނެވެ.
ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ.
ކާލްސްބާގު ރިޖަކީ އިންޑިއާ ކަނޑާއި އަރަބި ކަނޑުގައި އޮންނަ ކަނޑުއަޑީގެ ރިޖެކެވެ. މި ރިޖް އޮންނަނީ އެފްރިކާގެ އަދި އިންޑޯ-އޮސްޓްރޭލިއަން ޓެކްޓޮނިކް ޕްލޭޓްތައް ވަކިކޮށްދޭ ސަރަހައްދުގައެވެ. މި ރިޖް ފެށެނީ އެފްރިކާ، އިންޑިއާ އަދި އޮސްޓްރޭލިއާގެ ޓެކްޓޮނިކް ޕްލޭޓްތައް ބައްދަލުވާ ހިސާބުން އުތުރު-ހުޅަނގަށް ގަލްފް އޮފް އޭޑަން އާ ހަމައަށެވެ.
މި ރިޖް އޮންނަނީ އިންޑިއާ ކަނޑުގެ ހުޅަނގު ސަރަހައްދުގައެވެ. އަދި މި ރިޖްގެ އެވްރެޖް ފުންމިނަކީ ކަނޑުގެ ލެވެލްއިން ތިރިއަށް 6،000 ފޫޓާއި 12،000 ފޫޓާ ދެމެދުގެ އަދަދެކެވެ.
މެޓް އޮފީހުން މި މަޢުލޫމާތު ހާމަކުރުމާއެކު، ރައްޔިތުންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ނެތްކަން ޔަގީންކޮށްދީފައިވެއެވެ. އަދި އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!