އާދީއްތަ ދުވަހުގެ ހެނދުނު ދެކުނު ކޮރެއާގެ މުއަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުއްލި ޙާލަތުގައި ޖައްސަން އުޅުނު ޖެޖޫ އެއަރގެ ފްލައިޓެއް ވެއްޓި ހިނގި ހާދިސާއާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ރައީސް މުޢިއްޒު ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް މަތިންދާބޯޓު ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެއެވެ.
އެ މަނިކުފާނުގެ މެސެޖުގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަގޮތެއްގައި މި ހާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
ދެކުނު ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި ގިނަ ބަޔަކު މަރުވެއްޖެ
ތައިލެންޑްގެ ވެރިރަށް ބެންކޮކުން ފުރައިގެން އައި މި ފްލައިޓުގައި ތިބި 181 މީހުންގެ ތެރެއިން މި ހާދިސާގައި 179 މީހުން ވަނީ މަރުވެފައެވެ.
އެ ގައުމުގެ ވަގުތީ ރައީސް، ޗޮއި ސަންގް-މޮކް ވަނީ މި ބޯޓު ވެއްޓުނު މުއަން ސަރަޙައްދު ޚާއްޞަ ކާރިސާގެ ސަރަޙައްދެއްގެ ގޮތުގައި އިޢުލާނުކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން މަރުކަޒީ ސަރުކާރުގެ ފަންޑު ލޯކަލް ސަރުކާރަށާއި ގެއްލުން ލިބުނު ފަރާތްތަކަށް ލިބޭނެކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!