ފެންކުންފުނީގެ މުވައްޒަފުންނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތުލިބުމަކީ، ލިބުނު ފަޚުރެއްކަމަށް އެ ކުންފުނީގެ ކުރީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވެއްޖެވެ.
އާދަމް އިއްޔެވަނީ ފެންކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރުކަމުގެ މަޤާމުން، އެމްޓީސީސީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ބަދަލު ކުރައްވާފައެވެ.

އާދަމް ފެންކުންފުނިން، އެމްޓީސީސީއަށް ވަޑައިގަތުމަށްފަހު ރޭ ވިދާޅުވީ ފެންކުންފުނީގެ ޓީމަކީ ކުންފުންޏާމެދު ކުރިމަގަށް އެންމެ ރަނގަޅު ތަސައްވުރެއް ގެންގުޅޭ އަދި ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމުގައި އެފަދަ ދެވަނައެއްނެތް ފަދަ ޓީމެއްކަމަށާއި، އެކަމާ ނުހަނު ފަޚުރުވެރިވާކަމަށެވެ.

އެ މުވައްޒަފުންނާއެކު މަސައްކަތް ކުރެއްވި ދުވަސްތަކުގައި އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން ގިނަ ފިލާވަޅުތަކަކާއި ތަޖުރިބާތަކެއް ދަސްވެފައިވާކަމަށްވެސް އާދަމް ވިދާޅުވިއެވެ. އެކުންފުނީގައި މަސައްކަތް ކުރެއްވިއިރު މުވައްޒަފުންދެއްވި ސަޕޯރޓާއި ބެހެއްޓެވި ގާތްކަމަށްވެސް އާދަމްވަނީ ޝުކުރުއަދާ ކުރަށްވާފައެވެ.
އެމްޑީ އާޒިމްގެ މޭސްތިރި ކަމުގައި ފެންކުންފުނި ވޭތުވި އަހަރުވަނީ ގިނަ ކާމިޔާބުތަކެއް ހާސިލްކޮށްފައެވެ.

އެގޮތުން އެ ކުންފުނި ވަނީ ގޯލްޑް 100 ގާލާ 2019 ގެ ރާއްޖެގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ހިމެނިފައެވެ. އަދި ކުންފުނިން ނެންގެވި ތަރައްޤީގެ މުހިންމު ބޮޑެތި މަޝްރޫޢުތަށް ހިންގެވުމުގެ އިތުރުން އެކުންފުނިވަނީ ކަސްޓަމަރުންގެ އެކުވެރިއަކަށް ހަދައި، ކަސްޓަމަރުންނަށް އެތަށް ލުއި ފަސޭހަކަމެއް ގެނެސްދީފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!