އިހަވަންދިއްޕޮޅުގެ ބަނދަރުގައި ފުރަތަމަ ފަހަރަށް ބޭރުގެ ޔޮޓަކަށް ކްލިއަރެންސް ހިދުމަތް ފޯރުކޮށްދީފިއެވެ.
މިކަން ހާމަކުރެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އޭނާގެ ފޭސްބުކް ޕޯސްޓެއްގައެވެ.
ވަޖީހު ވިދާޅުވި ގޮތުގައި މިއީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި ޔޮޓެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ގިނަ އަދަދެއްގެ ޔޮޓުފަހަރު ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހިދުމަތް ތައާރަފުކުރުމާއެކު، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅު ގުދުރަތީ އަތޮޅު ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް މުދާ އުފުލައިގެން ހުރަސްކުރާ ސްޓްރެޓެޖިކް ހާއްސަ ސަރަހައްދެކެވެ. ކޮންމެ ދުވަހަކު ވެސް 300 އަށް ވުރެ ގިނަ އުޅަނދު އެ ސަރަހައްދުން ދަތުރު ކުރެއެވެ.
ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ. މި ހިދުމަތް ފަށާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއާއި އެމްޕީއެލް ގުޅިގެންނެވެ.
މިސަރުކާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރު ކުރާ އެއް ޕަސެންޓު ބޯޓަށް ހިދުމަތް ދީގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދުމެވެ. ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް އަންދާޒާކުރާ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!