މިއަހަރުގެ ޑިސެމްބަރު މަހު 6373 މީހުން އުމްރާއަށް ގޮސްފައިވެގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިއަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް އެކި ކުންފުނިތަކުގެ ހަވާލުގައި މައްކާއަށް ގޮސްފައިވާ މި 6373 މީހުންގެ ހާލު ވެސް ރަނގަޅެވެ. އަދި މި ޑިސެމްބަރު މަހު ރާއްޖެއިން އުމްރާއަށް ގޮސްފައިވާ އެންމެހައި އަޚުންނާއި އުޚުތުންގެ ހާލުވެސް ރަނގަޅު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad
rt

މިއަހަރު ރާއްޖެއިން އުމްރާއަށް ދާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވެސް ބާރު ބޮޑުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ކަންކަމާއި، އެފަރާތްތަކަށް މައްކާގައި އަޅުކަމުގައި އުޅޭއިރު ދިމާވާ ދަތިތަކާއި އެހުރިހާ ކަންކަމެއް ވަޒީރު ޑރ. ޝަހީމް ގެންދަވަނީ ގާތުން ބައްލަވަމުންނެވެ.

މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފައިވަނީ 57 ކުންފުންޏަކަށެވެ. އޭގެ ތެރެއިން މި އަހަރު އިތުރު 14 ކުންފުންޏަކަށް ހުއްދަ ދީފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ފާއިތުވި އަހަރުތަކާ ޚިލާފަށް، މިހާރު އުމްރާއަށް ދާ މީހުންގެ ތެރޭގައި ޒުވާނުންގެ އަދަދު އިތުރުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ. އަދި ކައިވެންޏަށް ފަހު ހަނީމޫނަށް ދިއުމުގެ ބަދަލުގައި އުމްރާއަށް ދިއުން ވެސް މަޤްބޫލުވަމުން އަންނަ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ކައިވެނިކުރާ ދެމަފިރިންނަށް ހަދިޔާގެ ގޮތުގައި ވެސް އާއިލާތަކުން އުމްރާ ދަތުރުތައް ދިނުން މިހާރު އިތުރުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ.