އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން އިޕްސްވިޗް ޓައުން 1-0 އިން ބަލިކޮށް އާސެނަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފިއެވެ.
ރޭ ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި އާސެނަލް އަށް ކާމިޔާބު ކޮށްދީފައިވަނީ ކައި ހަވާޓްޒްއެވެ. އަދި މި ލަނޑަށްފަހުވެސް އޭނާއަށް ވަނީ ލީޑު ފުޅާ ކުރަން ރަގަޅު ފުރުސަތެއް ލިބިފައެވެ.
އާސެނަލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި ގެބްރިއަލް ޖިސޫސް އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. ރޭ މެޗުގައި އާސެނަލްގެ އޮޑެގާޑާއި، ޑެކްލަން ރައިސް އަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ.
މި މެޗަށް ފަހު ވާހަކަ މީޑިއާއާއި ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުނެފައިވަނީ، އަނިޔާގެ މައްސަލަތަކާއި ގުޅިގެން މިވަގުތު އޮތް އުނދަގޫ ހާލަތަށް ބަލާއިރު ރޭ މޮޅަކީ މުހިންމު މޮޅެއް ކަމަށެވެ. ރޭ މެޗުގައި ލަނޑުޖަހަން ލިބުނު ފުރުސަތުތައް އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވުމުން އާޓޭޓާ ވަނީ އެކަން ފާހަގަކޮށްފައެވެ. އަދި ލީގުގައި ރަނގަޅު ވާދައެއް ކުރާނަމަ އެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭކަން އޭނާ ފާހަގަ ކުރިއެވެ.
މި މެޗުން މޮޅުވުމާއިއެކު އާސެނަލަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން 36 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 17 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޗެލްސީ އަށް 18 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. މެޗުން ބަލިވި އިޕްސްވިޗް އަށް 18 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގައި 19 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!