ހުޅުމާލޭ ފޭސް 2ގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށާއި، އޭނާ އަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 27 ޑިސެންބަރު 2024 ވަނަ ދުވަހު ދަންވަރު 01:50 އެހައިކަންހާއިރު ހުޅުމާލޭ ފޭސް 2، ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

Ad
rt

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން ބުންޏެވެ.

''އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމާ ގުޅިގެން މިހާރު ފަރުވާ ދެމުންދަނީ އައި.ޖީ.އެމް. ހޮސްޕިޓަލުގައެވެ. މިވަގުތު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާކަމަށް އައި.ޖީ.އެމް. ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.'' ފުލުހުން ބުނެފަވެއެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން 2024 ޑިސެންބަރު 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ.

މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއްކަމަށާއި، އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުން އަންނަކަމަށެވެ.

ފުލުހުން ވަނީ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އާޅާނެކަމުގެ ޔަގީންކަން ވެސް ދީފައެވެ.