އިންޑިއާ ކަނޑު ހިއްސާކުރާ އޭޝިއާގެ ގިނަ ގައުމުތަކަކަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާއަށް 20 އަހަރުފުރުމުގެ ހިތާމަވެރި އަހަރީ ދުވަސް ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ އެކި ޤައުމުތަކުގައި ފާހަގަކޮށްފިއެވެ.
މި ރަސްމިއްޔާތުތަކުގައި ސުނާމީގައި ދުނިޔެ ދޫކުރި މީހުންގެ ޢާއިލާތަކާއި، ސުނާމީން ސަލާމަތްވި މީހުން ބައިވެރިވެ، ގަބުރުސްތާނުތަކަށް ޒިޔާރަތްކޮށް، ތަޢުޒިޔާކިޔާ، އެކަކު އަނެކަކަށް ހިތްވަރު ދީފައިވެއެވެ.
2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު އައި ސުނާމީގައި 230,000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މި ސުނާމީ އައީ އިންޑޮނޭޝިއާގެ އާޗޭ ޕްރޮވިންސްގެ އައްސޭރިފަށުގައި ރިކްޓަރ ސްކޭލްގައި 9.1 ގެ ބިންހެލުމަކާ ގުޅިގެންނެވެ. މި ސުނާމީގެ ސަބަބުން 17.4 މީޓަރު (57 ފޫޓު) އުސްމިނުގެ ރާޅުތަކެއް އިންޑޮނޭޝިއާ، ތައިލެންޑް، ސްރީލަންކާ، އިންޑިއާ އަދި ދިވެހިރާއްޖެ ހިމެނޭގޮތުން އިތުރު 9 ޤައުމެއްގެ އައްސޭރިފަށަށް އެރިއެވެ.
އެންމެ ގިނަ މީހުން މަރުވި ޤައުމު ކަމުގައިވާ އިންޑޮނޭޝިއާގައި، ސުނާމީން ސަލާމަތްވި މީހުންނާއި ސުނާމީގައި މަރުވި މީހުންގެ ޢާއިލާތަކުން އުލީ ލެހުއޭ ރަށުގެ ގަބުރުސްތާނަށް ޒިޔާރަތްކޮށްފައި ވެއެވެ.
ބައެއް މީހުން ބުނި ގޮތުގައި އެ މީހުންގެ އާއިލާތަކުގެ މެމްބަރުން އެ ތަނުގައި ވަޅުލެވިފައިވާކަން ޔަޤީން ނުވެއެވެ. އެއީ ގިނަ މީހުން ވަޅުލެވިފައިވަނީ ކާކުކަން ނޭނގި ކަމަށް އެ މީހުން ބުނެއެވެ.
އިންޑޮނޭޝިއާގެ 52 އަހަރުގެ ނޫރުޚާލިސް ބުނި ގޮތުގައި އޭނާގެ އަނބިމީހާ، ދަރިން، މައިންބަފައިން އަދި ކާފައިންނާއި މާމައިން ސުނާމީގައި ގެއްލިފައިވާއިރު، އެ މީހުންގެ ހަށިގަނޑުތައް އަދި އަދަށްވެސް ފެނިފައެއް ނުވެއެވެ.
"އެހާ ގިނަ ދުވަސްވެފައި ވީނަމަވެސް، މި ދުވަހު އަހަރެމެންނަށް އިހުސާސްވަނީ އެ ދުވަހުގެ އިހުސާސްތައް. ޚާއްޞަކޮށް އޭރު ގެއްލުނު އާއިލާގެ މީހުން،" އޭނާ ގަބުރުސްތާނުގައި ބުންޏެވެ.
އާޗޭގެ ބައިތުއްރަޙްމާން މިސްކިތުގެ ގޯތިތެރޭގައިވެސް ހަނދާނީ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި އެތައް ސަތޭކަ މީހުން ބައިވެރިވެފައިވާއިރު، 3 މިނެޓު ވަންދެން ހަނު ހުރުމުގެ ވަގުތުކޮޅަކާއެކު ދުޢާކުރިއެވެ.
ދިވެހިރާއްޖެއިންވެސް މިސުނާމީގައި 82 ދިވެހިން މަރުވެފައިވާއިރު، 26 މީހުންވަނީ ވީނުވީއެއް ނޭންގި ގެއްލިފައެވެ. ސުނާމީގެ ހަދާންތައް އާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވަނި އެއް މިނިޓްގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!