ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމްގެ މަގާމު ގެއްލިއްޖެ އެވެ.

ޖޭއެސްސީން ބުނީ ސިވިލް ކޯޓުގައި ނިމިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ދަރަނި އިސް މެޖިސްޓްރޭޓް މުއާވިޔަތު ދައްކާފައިނުވާ ކަމަށެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމެޓީގައި އޭނާ އެކަމަށް އެއްބަސްވެފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

Ad
rt

އެހެންވެ، އިސް މެޖިސްޓްެރޭޓް މުއާވިޔަތުގެ ކިބައިން ފަނޑިޔާރުކަމުގެ އެ އަސާސީ ޝަރުތު އުނިވެފައިވާތީ، އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ހުސްވީ ކަމުގައި ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ.

ސާބިތު ދަރަންޏެއް އޮތް ނަމަ އެ ފައިސާ ހުކުމާ އެއްގޮތަށް ދެއްކުމަކީ ގާނޫނުއަސާސީގައި ދަށުން ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތެކެވެ. އެ އިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެ ނަމަ އެ ފަނޑިޔާރަކު ހުރި މަގާމު ހުސްވާނެ އެވެ.