މޫސުމާ ގުޅިގެން ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް އަވަސް ފުރުސަތެއްގައި އެހީ ނުހޯދިއްޖެނަމަ ޖަޒީރާ ރަށްތަކަކަށް އެކުލެވިގެންވާ ރާއްޖޭގެ ރަށްތައް އެކީ އަޑިއަށް ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މިމަހުގެ 14 އިން 16 އަށް އިންޑިއާގައި އޮތް ރައިޒީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ފަރުތުވެރިންގެ މެދުގައި މަޤުބޫލުކަން ލިބިފައިވާ ރީތި ދޮންވެލި ގޮންޑުދޮށްތަކާއި، ފެހި ރުއްގަސް އެކުލެވޭ އަތޮޅުތަކަކަށް ބެހިގެންވާ ރީތި ރާއްޖެ އަށް މިވަނީ ރަށްތައް ވަށައިގެން ސީވޯލް ފަދަ އިންފްރާ ސްޓަރަކްޗަރ ރޭނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ވިދާޅުވެފައިވަނީ ރާއްޖޭގެ ރަށްތައް ރައްކާތެރި ކުރުމުގެ ގޮތުން އެރަށްރަށް ވަށައިގެން ފާރު ރާނަން ޖެހޭ ކަމަށާއި މިއީ ޚަރަދު ބޮޑު ކަމެއް، އެކަމަކު ރާއްޖޭގެ ރަށްތައް ގެއްލި ދަންދެން ބަލަން ތިބެވެން ނެތްކަމަށެވެ.
މިފަދަ ކުދި ޤައުމުތަކަށް މީ ފަސޭހަ ކަމެއް ނޫން. މިކަމުން ރައްކާތެރިވާން ބޭނުންވާ ފައިސާ ލިބޭ އިރު ރާއްޖެ އެކީ އަޑިއަށް ހިނގައިދާނެ
ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ވިދާޅުވިއެވެ.
މެޑްރިޑް ގައި ބޭއްވުނު ޔޫއެންގެ މޫސުމާ ބެހޭ ބައްދަލުވުމުގައި، ރާއްޖެއާއި މޫސުމީ މައްސަލަތަކާ ކުރިމަތިލާ އެހެނިހެން ގައުމުތަކުން މޫސުމާ ގުޅިގެން ވަމުންއަންނަ ގެއްލުންތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރިކަމުގައި ވިޔަސް އެކަމަށް ވަނީކުރިއެރިމެއް ނުލިބިފައެވެ. ނަމަވެސް ނޮވެމްބަރު މަހު ގްލަސްގޯގައި ބާއްވާ މޫސުމާ ގުޅޭ ދެވަނަ ބައްދަލުވުމުގައި އެދެވިގެންވާ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް މިނިސްޓަރ ޝާހިދު އުއްމީދު ކުރައްވައެވެ.
The Maldives says it may lose islands unless it can quickly access cheap funds to fight climate change impact.
“By the time the financing is obtained, we may be underwater" foreign minister @abdulla_shahid told us on the sidelines of #Raisina2020https://t.co/mumsbeeWG5
— Devjyot Ghoshal (@DevjyotGhoshal) January 17, 2020
ދުނިޔޭގެ އެންމެ ބިންގަނޑު ތިރި ޤައުމު ތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ 80 ޕަސަންޓް ބިން ވަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ ހަމަ އެންމެ މީޓަރެއްހާތަން މަތީގައެވެ.
މިސަބަބާއެކު 530،000 މީހުންގެ އާބާދީއަށް މޫސުމާ ގުޅިގެން އަތުވެދާނެ ނުރައްކަލާ ކުރިމަތި ލާން ޖެހިދާނެއެވެ. މިގޮތުން 2004 ވަނަ އަހަރުގެ ސުނާމީގެ ސަބަބުން ރާއްޖޭގެ އެތަށް ބައެއްގެ ފުރާނައާއި ގެދޮރާއި މުދާ ގެއްލި 470 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފައެވެ.
2014 ވަނަ އަހަރު 30 އަށްވުރެ ގިނަ ރަށަށްވަނީ ރަށް ގިރުމާއި ކުރިމަތިލާން ޖެހިފައެވެ. މިފަދަ ކަންތައްތަކުން ރައްކާތެރި ވުމުގެ ގޮތުން އަހަރަކު 10 މިލިއަން ޑޮލަރު ރާއްޖެއިން ޚަރަދު ކުރެއެވެ. އަދި 2016 ވަނަ އަހަރު އެންވަރަމަންޓް މިނިސްޓްރީ ހަދާފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއް ރައްކާ ތެރިކުރުމަށް 8.8 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
ގްރީން ކްލައިމެޓްގެ ނަމުގައި ޔުނައިޓަޑް ނޭޝަންސް އިން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށް އެމީހުންގެ ވެބްސައިޓްގައި ހަދާފައިވާ ޕޮޓް އަކުން މިހާތަނަށް ރާއްޖެ އަށް 24 މިލިއަން ޑޮލަރުގެ ފަންޑެއް ލިބިފައިވާ ކަމަށް ދައްކައެވެ. އަދި ޖަޕާން ފަދަ ވަކި ވަކި ގައުމު ތަކުން ވެސް މާލެ ވަށާ ފާރު އެޅުމަށް ވަނީ އެހީވެފައެވެ. އިތުރަށް އެހީއަށް އެދިފައިވަނީ ކޮން ޤައުމުތަކެއްގައިކަމައް މިނިސްޓަރު ޝާހިދު ވިދާޅުވެފައެއް ނުވެއެވެ.
ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދް ނަޝީދު ވަނީ މޫސިމީ ބަދަލު ތަކުން ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުމުގެ ގޮތުން ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުމެއް ވެސް ބާއްވަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!