ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ހިންގަމުންދާ ތަޙްޤީޤުގެ ތެރެއިން، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދުގެ ފޯނު ހިފަހައްޓައިފިއެވެ.
ފަޒީލް އަކީ މި މައްސަލާގައި ތުހުމަތުކުރެވޭ އެއް ފަރާތްތަކަމަށްވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެއެވެ.
ފުލުހުން މިރޭ ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަޒީލްގެ ފޯނު މިއަދު ހިފަހައްޓާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހްގީގު ފެށުމާއިއެކު ފަޒީލް މިވަގުތު ހުރީ ސަސްޕެންޑްކޮށްފައެވެ. އަދި ފަޒުލް އާއި ފަޒީލް ވެސް ހިމެނޭ ގޮތަށް 20 މީހުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
މި މައްސަލާގައި ފުލުހުން ވަނީ 23 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތަށް ތަޙްޤީޤަށް ބޭނުންވާ ބައެއް ތަކެތި ގެންގޮސްފައެވެ. އެގެޔަކީ ފަޒީލް ވެސް ދިރިއުޅޭ ގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!