އާ އަހަރާއި ދިމާކޮށް މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވެދާނެކަމުގެ ބިރު އޮތުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ އާ އަހަރާއި ދިމާކޮށް، ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް، ވިއްކުން އިތުރުވާނެކަމަށް ބެލެވޭތީ ޚާއްޞަ އޮޕަރޭޝަނެއް އެ އިދާރާއިން މިއަދު ވަނީ ފަށާފައެވެ.

Ad
rt

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި، މެރިން ޕޮލިސް، ހުޅުމާލެ ޕޮލިސް އަދި ކ.އަތޮޅު ޕޮލިސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގެ ދަށުން ހުޅުމާލޭގެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި، ރަށު ތެރެއަށް ބަނގުރާ އަރުވާ ވިއްކާ ކަމަށް ޝައްކުކުރެވޭ ކެފޭތަކާއި ރެސްޓޯރެންޓްތައް މޮނިޓަރކޮށް ގަވާއިދާ ޚިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮންމެ އާ އަހަރާއި ދިމާކޮށް ފުލުހުން އަންނަނީ މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

ދިވެހި މުޖުތަމައު މަސްތުވާތަކެތިން ރައްކާތެރިކޮށް، ކުށް މަދުކުރުމަށް ފުލުހުން އަންނަނީ ޤާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް ފާހަގަކޮށްލެވެއެވެ.