އަތޮޅުތަކުގެ ޓީމުތަކަށް ޚާއްސަކޮށް ބޭއްވި ގޯލްޑް ކަޕްގެ ތަށި ބ. އޭދަފުށިން މިރޭ ކާމިޔާބުކޮށްފިއެވެ.
އޭދަށުން ތަށި ކާމިޔާބުކުރީ ފައިނަލުގައި އައްޑޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މާލޭގެ ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލްގައި އޭދަފުށިން ފުރަތަމަ ލަނޑުޖެހީ 39 ވަނަ މިނެޓުގައި މުހައްމަދު ފާސިރެވެ.
އޭދަފުށީގެ ދެވަނަ ގޯލު ޖެހީ، 90 ވަނަ މިނިޓުގައި މުހައްމަދު ފާސިރުގެ ކޮއްކޮ އަލީ ފާސިރު (ސެންޓޭ)އެވެ.
ރާއްޖޭގެ ފުޓްބޯޅަ އަލުން ދިރިގެންދިޔަ "90 ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ ހިންގާ ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށުނު މި މުބާރާތުގައި 17 ޓީމަކުން ވާދަކުރިއެވެ.
މިރޭގެ ފައިނަލް މެޗު ބައްލަވާލައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ސަރުކާރުގެ ވެރިން ގަލޮޅު ދަނޑަށް ވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!