ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓްގައި ނެތް ބަޔަކަށް ގޯތި ދީފައިވާކަމަށް ފެންމަތިވެފައިވާ މައްސަލައިގެ މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް ސަސްޕެންޑްކުރި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެމްބަރުންގެ ސަސްޕެންޝަން މިއަދު އުވާލައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބުނީ، އެޗްޑީސީ އަށް އައު މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

Ad
rt

ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަޙްްޤީޤު ނިމެންދެން ސަސްޕެންޑް ކޮށްފައިވާކަން ސަރުކާރުން ހާމަކުރީ 19 ޑިސެމްބަރު 2024 ގައެވެ.

މި ތަހްގީގު ކުރިއަށް ދަނިކޮށް އެ ކުންފުނީގެ އޭރުގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން 22 ޑިސެމްބަރު 2024 ގައި އެކުންފުނީގެ އެމްޑީ ކަމަށް ރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވަނީ އައްޔަނުކޮށްފައެވެ.

މި މައްސަލައިގެ ތަހްގީގުގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ރޭ ބަލައި ފާސްކޮށް، ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތަށް، މި ތަޙްޤީޤަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.