މޮޒަމްބީކުގެ އިންތިޚާބު ވެރިކަން ކުރާ ފްރެލިމޯ ޕާޓީއިން ކާމިޔާބުކޮށްފި ކަމަށް ކޯޓުން ކަނޑައަޅައިފިއެވެ.
މޮޒަމްބީކުގެ އެންމެ މަތީ ކޯޓުން ވަނީ އޮކްޓޯބަރު މަހު ބޭއްވުނު އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީ ފްރެލިމޯގެ ކާމިޔާބީ ކަށަވަރުކޮށްދީފައެވެ. މިއީ އިދިކޮޅު ފަރާތްތަކުން އިންތިޚާބުގައި ވޯޓު ވަގަށް ނެގިކަމަށް ބުނެ ބޮޑެތި މުޒާހަރާތަކެއް ކުރި އިންތިޚާބެކެވެ.
ކޮންސްޓިޓިއުޝަނަލް ކައުންސިލުން ހޯމަ ދުވަހު ނެރުނު ޙުކުމާ ގުޅިގެން، 35 މިލިއަނަށް ގާތްކުރާ އާބާދީއެއް އޮތް ދެކުނު އެފްރިކާގެ މި ޤައުމުގައި އިތުރު މުޒާހަރާތަކެއް ފެށިދާނެ ކަމަށް ބެލެވެއެވެ. ފްރެލިމޯ ޕާޓީން 1975 ގައި ޕޯޗުގަލުން މިނިވަންވި ފަހުން މޮޒަމްބީކުގެ ވެރިކަން ކުރަމުން އައިސްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ފްރެލިމޯގެ ކެންޑިޑޭޓު ޑެނިއަލް ޗަޕޯ ވަނީ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. އަދި ޕާލިމަންޓުގައި ޕާޓީގެ މެޖޯރިޓީ އިތުރުވެފައިވެއެވެ. ކޮންސްޓިޓިއުޝަނަލް ކައުންސިލުން ހޯމަ ދުވަހު ވަނީ މި ނަތީޖާތައް ސައްޙަކަން ކަށަވަރުކޮށްދީފައެވެ.
ހުޅަނގުގެ އޮބްޒާވަރުން ބުނެފައިވަނީ މި އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށެވެ. ފްރެލިމޯ ޕާޓީން ކުރީގައިވެސް ވޯޓު ވަގަށް ނެގުމުގެ ތުހުމަތުތައް ދޮގުކޮށްފައިވެއެވެ.
މޮޒަމްބީކުގެ ތާރީޚުގައި ފްރެލިމޯއާ ދެކޮޅަށް ބޭއްވުނު އެންމެ ބޮޑެތި މުޒާހަރާތައް މިއިންތިޚާބަށްފަހު ވަނީ ބޭއްވިފައެވެ. މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ޕްލެޓަފޯމާ ޑެސައިޑްގެ މަޢުލޫމާތު ދައްކާ ގޮތުގައި ފުލުހުންނާ ކުރިމަތިލުންތަކުގައި މަދުވެގެން 130 މީހުން ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!