އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގައި ލިވަޕޫލުން ލީޑު ފުޅާކޮށްފިއެވެ. ރޭ ރަށުން ބޭރުގައި ލިވަޕޫލުން ވަނީ 6-3 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިކޮށްފައެވެ.
ފާއިތުވި 24 އަހަރު އެކަށީގެންވާ ކާމިޔާބެއް ޓޮޓެންހަމަށް ހޯދިފައިނުވާތީ ރޭ މެޗުގައި ސަޕޯޓަރުން ވަނީ އެ ޓީމްގެ ވެރިންނާއި މެދު ނުރުހުން ފާޅުކޮށްފައެވެ. މިގޮތުން މިހާރު ތިބިވެރިން އެ ޒިންމާ ނަގަމުން އަންނަތާ 24 އަހަރުވެފައިވާއިރު މެޗުގެ 24 ވަނަ މިނިޓުގައި ޓޮޓްނަމްގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން ކަޅު ކުލައިގެ ފުއްޕާހަންތަކެއް ދޫކޮށްލާފައެވެ. ފާއިތުވި 24 އަހަރުތެރޭ ޓޮޓެންހަމް އަށް ހޯދިފައިވާ ހަމައެކަނި ކާމިޔާބަކީ 2008 ވަނަ އަހަރު ލީގު ކަޕް ކާމިޔާބު ކުރުމެވެ.
ރޭ މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނިޓުގައި ލިވަޕޫލަށް ޖަހައިދިނީ ޑިއާޒްއެވެ. އެ ޓީމްގެ ދެވަނަ ލަނޑު 36 ވަނަ މިނިޓުގައި ޖަހައިދިނީ މެކަލިސްޓާއެވެ. ދެ ލަނޑުގެ ލީޑެއް ލިވަޕޫލުން ނެގިނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޓޮޓްނަމްގެ ޖޭމްސް މެޑިސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޑޮމިނިކް ސޮބޮސްލާއީ ވަނީ އިތުރު ލަނޑެއް ޖަހާ ލިވަޕޫލްގެ ލީޑު ދެވަނަ ފަހަރަށް ފުޅާ ކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި މުހައްމަދު ސަލާ ވަނީ ލިވަޕޫލަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ 7 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފައެވެ. ޓޮޓެންހަމް އިން މި މެޗުގެ ދެވަނަ ހާފުގައިވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެއީ 72 ވަނަ މިނިޓާއި 83 ވަނަ މިނިޓުގައި ކުލުސޭވްސްކީ އާއި ޑޮމިނިކް ސޮލާންކޭ ކާމިޔާބުކުރި ދެ ލަނޑެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ހަވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ލުއިސް ޑިއާޒް ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މި މެޗުން ލިވަޕޫލް މޮޅުވުމާއެކު އެ ޓީމަށް ވަނީ 16 މެޗުން 39 ޕޮއިންޓާއެކު އެއްވަނަ މަގާމުގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ދެވަނައިގައި އޮތް ޗެލްސީ އެއް މެޗު އިތުރަށް ކުޅެގެން ލިބިފައި ވަނީ 35 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!