ފޭސް އައިޑީ ބޭނުންކޮށްގެން ދޮރު ހުޅުވޭ ސްމާޓް ޑޯބެލްއެއް އެޕަލްއިން ތައްޔާރުކުރަމުން ދާކަމަށް ޓެކްރިޕޯޓެއްގައި ބުނެފިއެވެ.

މާކް ގަރމަންގެ "ޕަވަރ އޮން" ނިއުސްލެޓަރގައި ހާމަކޮށްފައިވާ ގޮތުގައި، އެޕަލްއިން މިހާރު ވަނީ ފޭސް އައިޑީ ބޭނުންކޮށްގެން ގޭގެ ދޮރު ހުޅުވޭ ސްމާޓް ޑޯބެލްއަކާއި ލޮކް ސިސްޓަމެއް ތައްޔާރުކުރަން ފަށާފައެވެ.

Ad
rt

މުޅިން އައު މި ސިސްޓަމުގައި ހިމެނޭ މޫނު ސްކޭންކުރާ ޑޯބެލް ގުޅިފައި ހުންނާނީ ސްމާޓް ޑެޑްބޯލްޓަކާއެވެ. މި ޑެޑްބޯލްޓަކީ މިހާރުވެސް ބޭނުންކުރެވޭ ހޯމްކިޓް އާ ގުޅޭ ތިންވަނަ ފަރާތެއްގެ ލޮކެއް ކަމަށްވެސް ވެދާނެއެވެ. ނުވަތަ އެޕަލްއިން ވަކި ލޮކް އުފައްދާ ކުންފުންޏަކާ ގުޅިގެން މުޅި ސިސްޓަމް އެއްފަހަރާ ނެރުމަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށް ގަރމަން ބުނެފައިވެއެވެ.

ނަމަވެސް މި ޑޯބެލް-ލޮކް ސިސްޓަމް މާކެޓަށް ނުކުންނަން އަދި ވަގުތު ނަގާނެ ކަމަށް ލަފާކުރެވެއެވެ. ގަރމަންގެ ރިޕޯޓުގައިވާ ގޮތުން މި ސިސްޓަމް އަދި ވަނީ ތަރައްޤީކުރުމުގެ ފުރަތަމަ މަރުހަލާގައެވެ. އަދި އެންމެ އަވަހަށް ވެސް ވިއްކަން ފެށޭނީ މިއަންނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ލަފާކުރެވެއެވެ. މި ޑޯބެލްއަކީ އެމެޒޯންގެ ރިންގް އަދި ގޫގުލް ނެސްޓް ފަދަ ކުންފުނިތަކާ ވާދަކުރުމަށް އެޕަލްއިން ތައްޔާރުކުރާ އުފެއްދުމެކެވެ.

މީގެ އިތުރުން، އެޕަލްއިން އެތައް ސްމާޓް ހޯމް އުފެއްދުންތަކެއް ތައްޔާރުކުރަމުންދާ ކަމަށް ގަރމަން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ގޭތެރޭގައި ބޭނުންކުރާ ސެކިއުރިޓީ ކެމެރާއެއްވެސް ހިމެނެއެވެ. މި ކެމެރާ މަސައްކަތްކުރާނީ އެޕަލްއިން ތައްޔާރުކުރަމުންދާ ކަމަށް ބުނެވޭ ސްމާޓް ހޯމް ހަބްއާ ގުޅިގެންނެވެ. މި ހަބް މިއަންނަ އަހަރު ނެރުމަށް ރޭވިފައިވާ ކަމަށް ލަފާކުރެވެއެވެ.