ނިމުނު އެމްޑީޕީގެ ސަރުކާރުގައި ސެޓަލްމަންޓް ކޮމިޓީއެއް ހަދައިގެން ކޯޓުން ބޭރުން އަމިއްލަ އެކި ފަރާތްތަކަށް ބަދަލު ދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު އަންގައިފި އެވެ.

މިކަން ހާމަކޮށް ޕީޖީ އޮފީހުން މިއަދު ބުނީ، 17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

''އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުންލިބޭ ގޮތަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ރިޕޯޓުގައިވާ ކަންކަމަށް މި އޮފީހުން ރިޢާޔަތްކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙުޤީޤުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ދަންނަވާފައިވާނެއެވެ.'' ޕީޖީ އޮފީހުން ބުނެފަވެއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށާއި، ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ ވަރަކުން އެ އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އޭސީސީ އަށް އަންގާފައިވާނެކަމަށެވެ.

ވޭތުވެދިޔަ ފަސް އަހަރު ދައުލަތުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދެ ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. ބަދަލު ދިނުމުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ މެދު ގިނަ ބައެއްގެ ފާޑުކިޔުން ކުރީގެ ސަރުކާރަށް އަމާޒުވިއިރު، ވެރިކަން ބަދަލުވުމަށް 21 ނޮވެމްބަރު 2023 ގައި މި ސަރުކާރުން ވަނީ ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ އުވާލައިފަ އެވެ.