ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެ، އޭގެ ތެރެއިން ތިން އަންހެނަކު ޑީޕޯޓްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އެ އިދާރާ އާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ނުވަ ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށެވެ. މި ނުވަ ބިދޭސީންގެ ތެރޭގައި ހިމެނެނީ ވިއެޓްނާމުގެ ހަ އަންހެނަކާއި، ޔުގަންޑާގެ އަންހެނަކާއި، އަދި ބަންގުލަދޭޝްގެ ދެ ފިރިހެނެކެވެ. އިމިގްރޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، މި ދެ ފިރިހެނުންނަކީ އޭޖެންޓުންގެ ގޮތުގައި އުޅުނު މީހުންނެވެ.

Ad
rt

އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވަނީ، މި މައްސަލަ ތަހުގީގު ކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާގައި، ބާކީ ތިބި ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މީގެ ކުރިން ވެސް އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ހަށިވިއްކަމުގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި، ޑީޕޯޓްކޮށްފައެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވާކަން ފާހަގަކުރެވެއެވެ.