ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި އާރުބީ ލެއިޕްޒިގް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބަޔާނުން ފަރަގު ބޮޑުކޮށްފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ބަޔާނުން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ލެއިޕްޒިގްގެ މައްޗަށް ކުރި ހޯދާފައެވެ.
މި މޮޅާއިއެކު ބަޔާނަށް ވަނީ ކުޅުނު 15 މެޗުން 36 ޕޮއިންޓް ލިބިފައިއެވެ. އެއްވަނާގައި ބަޔާން އޮތީ ދެވަނާގައި އޮތް ލެވަކޫސަން އަށްވުރެ އެއްމެޗު އިތުރަށް ކުޅެ ހަތް ޕޮއިންޓްގެ ލީޑަކާއި އެކުއެވެ. ލެވަކޫސަންއަށް ވަނީ 14 މެޗުން 29 ޕޮއިންޓް ލިބިފައެވެ. ލެވަކޫސަން މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ފްރެއިބާގާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެ ފަރަގު ކުޑަކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.
ރޭ ބަޔާނުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުން ވަނީ ފުރަތަމަ މިނެޓުގައި ލީޑުނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޖަމާލް މުސިއާލާއެވެ. ޖެހިގެން އައި މިނެޓުގައި ލެއިޕްޒިގްގެ ސެސްކޯވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގައި ބަޔާނަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ 25 ވަނަ މިނެޓުގައި ލެއިމާ ޖަހައިދިން ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުގެ ކުރިން ބަޔާނަށް ތިންވަނަ ލަނޑު ޖަހައިދިނީ ކިމިޗެވެ.
ބަޔާނުން ދެވަނަ ހާފުގައި ވެސް ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމްގެ ހަތަރުވަނަ ލަނޑު 75 ވަނަ މިނެޓުގައި ސާނޭ ޖަހައިދިންއިރު ފަސްވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ޖަހައިދިނީ އަލްސަންސޯ ޑާވިސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!