ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ލެގަނޭސް އަތުން ބަލިވެ ބާސާއަށް ހާސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ. އަމިއްލަ ދަނޑުގައި ރޭ ލެގަނޭސް އަތުން ބާސާ ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

މި ނަތީޖާއައިއެކު ބާސާއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ކުރިމަތިވެފައެވެ. ބާސާ މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ 18 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ ބާސާއަށް ވުރެ އެއް މެޗު މަދުންކުޅެ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެނެވެ. ތިންވަނާގައި އޮތް ރެއާލް މެޑްރިޑް ވެސް ބާސާއަށް ވުރެ އެއް މެޗު މަދުންކުޅެގެން ވަނީ 37 ޕޮއިންޓް ހޯދާފައެވެ. މެޗު ހަމަވާއިރު ރެއާލާއި އެތުލެޓިކޯއަށް ބާސާއަށް ވުރެ ކުރިއަށް ޖެހިލުމުގެ އަމިއްލަ ބާރު މިހާރުވަނީ ލިބިފައެވެ.

Ad
rt

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ބާސާއިން ވަނީ ގިން ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން މުޅި މެޗުގައި ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލެވަންޑޯސްކީއަށް ލިބުނުއިރު އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފުނެވެ. ޖޫލްސް ކޫންޑޭއަށާއި ރަފީނިއާގެ އިތުރުން ފެރާން ޓޮރޭސް އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ލިބިވަނީ ބޭކާރުވެފައެވެ.

ރޭ މެޗުގައި ލެގަނޭސް އިން ޖެހި ހަމައެކަނި ލަނޑު ހަތަރުވަނަ މިނެޓްގައި ޖަހައިދިނީ ގޮންޒާލެޒްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ކޯނަރަކުން ތަނަވަސްވީ ފުރުސަތެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.