އެމެރިކާގެ ނިއުސް ނެޓްވޯކް އޭބީސީ ނިއުސްއިން، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ދޮގު މަޢުލޫމާތު ފަތުރައިގެން ހުށަހެޅުނު މައްސަލަ ހައްލުކުރުމަށް 15 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެއްޖެއެވެ.

މި މައްސަލަ ދިމާވީ އޭބީސީ ނިއުސްގެ އެންކަރ ޖޯޖް ސްޓެފަނޮޕޮލޮސް، "ދިސް ވީކް" ޕްރޮގްރާމެއްގައި ކޮންގްރެސް މެމްބަރު ނޭންސީ މޭސްއާ ކުރި އިންޓަވިއުއެއްގައި ޓްރަމްޕްގެ މައްޗަށް "ރޭޕްކުރި ކަމަށް ސާބިތުވެފައިވާ" ކަމަށް ބުނުމުންނެވެ. މި ބަޔާނަކީ ޙަޤީޤަތާ ޚިލާފު ބަޔާނެއް ކަމަށް ވުމާއެކު، އޭބީސީ ނިއުސްއާއި ސްޓެފަނޮޕޮލޮސް ވަނީ މިކަމަށް މަޢާފަށް އެދުމަށްވެސް އެއްބަސްވެފައެވެ.

Ad
rt

މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމުގެ ދަށުން، އޭބީސީ ނިއުސްއިން 15 މިލިއަން ޑޮލަރު "ޓްރަމްޕްގެ ރިޔާސީ ފައުންޑޭޝަނަކާއި މިއުޒިއަމަކަށް" ހަދިޔާކުރަން ޖެހޭނެއެވެ. މީގެ އިތުރުން، ޤާނޫނީ ފީގެ ގޮތުގައި އިތުރު 1 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.

ޓްރަމްޕްގެ މައްޗަށް ކުރިން ސާބިތުވެފައިވަނީ ޖިންސީ ގޯނާކުރި ކަމަށެވެ. މިއީ ނިއު ޔޯކްގެ ޤާނޫނުގެ ދަށުން ރޭޕްކުރުމާ ތަފާތު ކުށެކެވެ. މި މައްސަލައިގައި ލިޔުންތެރިޔާ އީ. ޖީން ކެރޯލްއަށް ބަދަލުގެ ގޮތުގައި 5 މިލިއަން ޑޮލަރު ދިނުމަށް ކޯޓުން އަމުރުކުރިއެވެ. އަދި ޖެނުއަރީ މަހު ނިމުނު އިތުރު މައްސަލައެއްގައި ކެރޯލް އަބުރު ގެއްލުވާލި ކަމަށް ސާބިތުވެ، 83.3 މިލިއަން ޑޮލަރު ދިނުމަށް ޙުކުމްކުރެވުނެވެ.

މި އެއްބަސްވުމާއެކު، އޭބީސީ ނިއުސްއާ ދެކޮޅަށް ޓްރަމްޕް މަޔާމީގައި ހުށަހެޅި މައްސަލަ ނިމުމަކަށް އައިސްފައިވާ ކަމަށް ބެލެވެއެވެ.