އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި (މެންޗެސްޓާ ޑާބީ) މެޗުގައި ސިޓީން މޮޅުވާން ދަނިކޮށް ފަހަތުން އަރާ، ދެ ލަނޑު ޖަހައިގެން (2-1) ޔުނައިޓެޑުން މެޗު ކާމިޔާބު ކޮށްފިއެވެ.
ހުރިހާ މުބާރާތެއް ހިމެނޭހެން ސިޓީ މިވަގުތު އޮތީ އުނދަގޫ ހާލަތެއްގައެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއްވަރުވެގެން ދެ މެޗު ނިމުނުއިރު 8 މެޗުން ވަނީ ބަލިވެފައެވެ.
ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ދޫކޮށް ދާދިފަހުން ޔުނައިޓެޑްގެ ކޯޗްކަމާއި ހަވާލުވި އަމޮރިމް މި ވަނީ މި ސީޒަންގައި ދެފަހަރު ސިޓީ ބަލިކޮށްފައެވެ. އަމޮރިމްގެ އިރުޝާދުގެ ދަށުން ސްޕޯޓިން ލިޒްބަން އިން ވަނީ ޗެމްޕިއަންސް ލީގުގައި ސިޓީ ބަލިކޮށްފައެވެ. ރޭ ޔުނައިޓެޑުން ސިޓީ މައްޗަށް ކާމިޔާބު ހޯދުމާއިއެކު ކޯޗް އަމޮރިމް ވެފައި ވަނީ އެއް ސީޒަނެއްގައި ދެ ޓީމެއްގައި ހުރެ ގާޑިއޯލާ އިރުޝާދުދިން ޓީމެއް ބަލިކުރި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދާފައެވެ.
ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޑޮމިނޭޝަން ފުޓްބޯޅައެއް ކުޅެމުން އަންނަ ސިޓީން ފުރަތަމަ ހާފުގައި ކޮންމެވެސް ވަރަކަށް ގޭމް ކޮންޓްރޯލްކުރި ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ގިނަ ވަގުތުތަކެއްގައި މެޗު ޑޮމިނޭޓް ކޮށްފައެވެ.
ރޭ މެޗުގެ ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި ސިޓީއަށް ޖަހައިދިނީ ޑިފެންޑަރ ގްވަޑިއޯލްއެވެ. ޔުނައިޓެޑުން މެޗު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ އެންމެ ފަހު ދެ މިނެޓްގެ ތެރޭ ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު 88 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ޖަހައިދިންއިރު މެޗުން މޮޅުވި ލަނޑު 90 ވަނަ މިނެޓުގައި ޖަހައިދިނީ އަމަދް ޑިއާލޯއެވެ. ރޭ މެޗުގައި އަމަދްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު ދެ ލަނޑުގައި ވެސް އޭނާގެ ހިއްސާ ބޮޑެވެ.
މި މެޗުން ބަލިވުމާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ. ސިޓީއަށް 16 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ރޭ މެޗުން މޮޅުވި ޔުނައިޓެޑް މިވަގުތު އޮތީ 13 ވަނާގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 15 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތީ ރޭ 2-1 ގެ ނަތީޖާއިން ބްރެންޓްފޯޑް ބަލިކުރި ޗެލްސީއެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!