ސީރީއާގެ އިންތިޤާލީ މަރުޙަލާގެ ވަގުތީ ބޮޑުވަޒީރެއް އައްޔަން ކޮށްފިއެވެ. ވަގުތީ ބޮޑުވަޒިރެއްގެ ގޮތުގައި އައްޔަނުކުރީ މުޙައްމަދު އަލް-ބަޝީރުއެވެ.

އިންތިގާލީ ބޮޑުވަޒީރުގެ މަގާމަށް އަލް ބަޝީރު ހަމަޖެއްސެވީ، ބައްޝާރުލް އަސަދު ސަރުކާރު ވައްޓާލުމަށް ނުކުތް ހަނގުރާމަވެރި ޖަމާއަތް ހައިއަތު ތަހުރީރުއްޝާމްގެ ލީޑަރު އަބޫ މުހައްމަދު އަލް ޖޫލާނީ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލް ބަޝީރަކީ ޖޫލާނީގެ ވަރަށް އަރިސް އެކުވެރިއެކެެވެ.

ހައިއަތު ތަހުރީރުއްޝާމް ހިންގުމުގައި އަލް ބަޝީރު މުހިންމު މަސައްކަތްތަކެއް މީގެ ކުރިންވެސް ކުރެއްވި ކަމަށް ޚަބަރުތައް ބުނެ އެވެ. ވަގުތީ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ހަނގުރާމަވެރިންގެ ހިޔަނި ސަރުކާރުގެ ވެރިޔާގެ ގޮތުގައެވެ.

Ad
rt

އަންގާރަ ދުވަހު ޓެލެވިޜަނުން ދެއްކި ބަޔާނެއްގައި މުޙައްމަދު އަލް-ބަޝީރު ވިދާޅުވެފައިވަނީ، 2025 ވަނަ އަހަރުގެ މާރޗް 1 އާ ހަމައަށް ސީރިއާގެ އިންތިގާލީ މަރުޙަލާގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުކަމަށް އޭނާ އައްޔަންކުރެވިފައިވާ ކަމަށެވެ.
ވަގުތީ ބޮޑުވަޒީރު ސަރުކާރެއް އެކުލަވާލާނީ އަސަދު ސަރުކާރުގެ ބައެއް ވެރިން ހިމަނައިގެންނެވެ. އާސަރުކާރުގައި ހިމަނާނެ މި މީހުން ވަނީ ހަނގުރާމަވެރިންނަށް ބައިއަތުހިފާފައި ކަމަށް ރިޕޯޓްތައްބުނެއެވެ.

ހައިއަތު ތަހުރީރުއްޝާމްގެ ހަނގުރާމަވެރިން ދިމިޝްގަށް ވަނުމުގެ ކުރިން، ސީރިއާގެ ވެރިކަމުގައި ކުރިން ހުރި ބައްޝާރުލް އަސަދު ވަނީ ގައުމު ދޫކުރައްވައި ރަޝިއާއަށް ހިޖުރަކުރައްވާފައެވެ. އަދި އޭނާއަށާއި، އޭނާގެ އާއިލާއަށް ރަޝިއާއިން ފުރިހަމަ ސިޔާސީ ޙިމާޔަތް ދީފައިވާކަން ކްރެމްލިން އިންވަނީ ކަށަވަރު ކޮށްދީފައެވެ.