ގޯލާންގެ އުސްބިންތައް އިސްރާއީލުން ހިފުމަކީ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް އދ އިން ބުނެފިއެވެ.
އދ. ގެ ސީރިއާއަށް ޚާއްޞަ މަންދޫބު ގެއިރ ޕެޑަރސަން ބުނެފައި ވަނީ އިސްރާއީލުން ގޯލާން އުސްބިމުގެ ބަފަރ ޒޯން ހިފުމަކީ 1974 ގައި އިސްރާއީލާއި ސީރިއާ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ.
އަންގާރަ ދުވަހު ޖެނީވާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނަދޯލޫ އޭޖެންސީގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޕެޑަރސަން ބުނީ، އިސްރާއީލުން ގޯލަން އުސްބިމުގެ ބަފަރ ޒޯން ހިފުމާއި ސީރިއާގެ އިތުރު ސަރަޙައްދުތަކަށް ވަނުމާ ގުޅޭ ގޮތުން އދ. އިން ދެކެނީ މިއީ 1974 ގެ "ޑިސްއެންގޭޖްމަންޓް އޮފް ފޯސަސް އެގްރީމަންޓް" އާ ޚިލާފު ކަމެއްގެ ގޮތުގައި ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒްގެ އަމުރަށް ހަފުތާ ބަންދުގައި އިސްރާއީލުގެ ސިފައިން ގޯލަން އުސްބިމުގެ ބަފަރ ޒޯނަށް ވަދެފައިވެއެވެ. ނަތަންޔާހޫ ބުނެފައި ވަނީ މިއީ ވަގުތީ ގޮތުން ހިފިހިފުމެއް ކަމަށެވެ.
އިސްރާއީލުން ވަނީ 1967 ގެ މެދުއިރުމަތީގެ ހަނގުރާމައިގައި ވެސް ސީރިއާގެ ގޯލާން އުސްބިން ހިފައިފައެވެ. އަދި ފަހުން މި ސަރަޙައްދު އިސްރާއީލަށް ވައްދައި އެމީހުންގެ މިލްކެއްކަމަށް ބުންޏެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމައުއިން މިކަން ބަލައެއް ނުގަނެއެވެ.
ޕެޑަރސަން ބުނީ މި މައްސަލަ ނިއު ޔޯކުގައި ހުންނަ އދ. ގެ މައި އޮފީހުގެ އިސްވެރިންނާ އެކު ގާތުން ބަލަމުން ގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!