ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އއ.ތޮއްޑޫ އަށް ވަޑައިގެން ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ތޮއްޑޫއަކީ ވަރަށް މަސައްކަތްތެރި، ވަރަށް މުރާލި އާބާދީއެއް އޮތް ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރަށްވައި، ލޯކަލް ޓޫރިޒަމަކީ ތޮއްޑޫގައި އެންމެ ދުވަސްވީ އެންމެ މުހިންމު ދާއިރާތައް ކަމުގައިވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އެ ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން އިސްކަންދެއްވައި، މަގުފަހިކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވެފަވެއެވެ.

ރައީސްގެ ވާހަކަފުޅުގައި ތޮއްޑޫ ކައުންސިލްގެ ފަރާތުން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ކުންފުންޏަށް އިޝާރާތް ކުރަށްވައި، އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެފަދަ ކުންފުންޏެއް އުފެއްދެވުމަށް ކުރެއްވި މަސައްކަތުގައި އޭރު ސަރުކާރުގެ ފަރާތުން ދިމާވި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި އެފަދަ ކުންފުނިތަކުގެ ކުރިއެރުމަށް މި ސަރުކާރުން ހުރަސްނާޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވިއެވެ.

އެގޮތުން އެފަދަ ކުންފުނިތަކުން ރަށުގެ ރައްޔިތުުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށްޓަކައި ހިންގަވަން ބޭނުންވާ މަޝްރޫޢުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެއީ އެ ކުންފުންޏަށް އިންވެސްޓްމަންޓް ހަމަޖައްސައިދިނުންކަމުގައި ވިޔަސް، ނުވަތަ އެހެނިހެން މަގުތަކުން މަގުފަހިކޮށްދިނުން ކަމުގައި ވިޔަސް، އެ ކުންފުންޏަށް ކަންކަން މަގުފަހިކޮށްދިނުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

އެއަށްފަހު ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ. އެ ގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރާ މަސައްކަތުގައިވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.