ދީނާއި، ޤައުމުދެކެ ލޯބިވާ، ޒިންމާދާރު ދަރިންތަކެއް ބިނާކުރުމަށް ޤައުމީ ވިސްނުމެއްގައި އަޒުމް ކަނޑައަޅަންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޮތް ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެންމެން އެކުގައި ރާއްޖޭގައި އަޅުގަނޑުމެން ބޭނުންވާ ގޮތަށް މާތްވެގެންވާ އިސްލާމްދީނުގެ ވަރުގަދަ ޢަޤީދާގެ މަތީގައި ތިބި، ދިވެހި ޤައުމު ދެކެ ލޯބިވާ، ޤައުމިއްޔަތުގެ ރޫޙު ފުރިހަމައަށް އަށަގަނެފައިވާ ދިވެހި ލޮބުވެތި ދަރިންތަކެއް ޤައުމުގެ މުސްތަޤްބަލާ ހަވާލުވެވޭނެ ފަދަ ޒިންމާދާރު ދަރިންތަކެއް ބިނާކުރަންޖެހޭ ކަމަށެވެ.

އެކަމަށް އެންމެން އެކުގައި، އެއް ރޫޙެއްގައި ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަކީ މިއަދު ޢަޒުމް ކަނޑައަޅަންޖެހޭ ކަމެއްކަމަށާއި، ޤައުމުގެ މުސްތަޤްބަލަކީ ވަރަށް އުޖާލާ މުސްތަޤްބަލެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މާފަންނު މަދަރުސާގެ ތަރައްޤީއަށްޓަކައި އެ ސްކޫލްގައި ހޯލު ބިނާކުރުމުގެ އިތުރަށްވެސް ދެން ކުރެވެންހުރި ކަންކަމުގައި ސީދާ ސަރުކާރުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީން އަދި ކައުންސިލް މެދުވެރިކޮށް، ކައުންސިލުން އެދޭ ކަންތައްތަކުގައިވެސް ސަރުކާރުގެ ފަރާތުން އެހީތެރިކަންދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

''އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު އަޅުގަނޑު ދެކެން ބޭނުންވަނީ، އަދި އަޅުގަނޑު ޔަޤީންކުރަނީ، ތިޔަބޭފުޅުންނަށް ޔަޤީންކަންދެނީ، މިދިޔަ ދުވަސްތަކަށްވުރެ މާބޮޑަށްވެސް ތިޔަބޭފުޅުންނަށް އުފާވެރި ގޮތެއްގައި މި ސްކޫލްގެ ކަންކަން ބައްޓަންވެގެންދާނެ ކަމަށް. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެކަން ތަކުރާރުކޮށް އަދިވެސް ދަންނަވަން.'' ރައީސް ވިދާޅުވެފަވެއެވެ.

މިހާރުގެ މާފަންނު މަދަރުސާ ހުޅުވުނީ 1984 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މަދަރުސާ އުފެދުނު އިރު ނަރސަރީއިން ފެށިގެން ގުރޭޑް 6 އަށް ކިޔަވައިދެއްވިއެވެ. އޭގެ ފަހުން ގުރޭޑް 10ގެ ނިޔަލަށްވެސް މާފަންނު މަދަރުސާގައި ކިޔަވައިދެއްވިއެވެ. ނަމަވެސް 2016 ވަނަ އަހަރުން ފަށައިގެން މާފަންނު މަދަރުސާ ޚާއްޞަ ކުރައްވާފައި ވަނީ، ނަރސަރީއާއި ޕްރީ ސްކޫލު ޢުމުރުފުރާގެ ދަރިވަރުންނަށެވެ.