ބުރުކީނާ ފާސޯގެ ވެރިކަން ހިންގާ ސިފައިންގެ ޖަންޓާއިން ހުކުރު ދުވަހު ޤަރާރެއް ނެރެ ބޮޑުވަޒީރު އަޕޮލިނެއަރ ޖޮއަޗިމް ކިއެލެމް ދެ ތަމްބެލާ ވަކިކޮށް، ޤައުމީ ސަރުކާރު އުވާލާފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ.

މިލިޓަރީގެ ވެރިޔާ، އިބްރާހިމް ޓްރަވޯރޭ ވިދާޅުވި ގޮތުގައި އުވާލެވުނު ސަރުކާރުގެ އޮފިޝަލުން އައު ސަރުކާރެއް އެކުލަވާލެވެންދެން އެމީހުންގެ ވާޖިބުތައް އަދާކުރަމުން ގެންދާނެއެވެ. މި ފިޔަވަޅު އެޅުމުގެ ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.

Ad
rt

ބުރުކީނާ ފާސޯގެ ޖަންޓާއިން 2022 ސެޕްޓެމްބަރުގައި ވެރިކަން ހޯދީ ލެފްޓިނަންޓް ކާނަލް ޕޯލް ހެންރީ ސަންދަވޯގޯ ދަމީބާގެ މިލިޓަރީ ވެރިކަން ވައްޓާލައިގެންނެވެ. މިއީ އޭނާ ދީމިޤްރާތީ ގޮތުން އިންތިޚާބުކުރެވުނު ރައީސް ރޯޗް މާރކް ކަބޯރޭ ވައްޓާލިތާ އަށް މަސްދުވަސް ފަހުންނެވެ.

މި ޤައުމަކީ ފަހަކަށް އައިސް މިލިޓަރީން ވެރިކަން ހޯދާފައިވާ ހުޅަނގު އެފްރިކާގެ އެތައް ޤައުމެއްގެ ތެރެއިން އެއް ޤައުމެވެ. މިގޮތަށް ވެރިކަން ހޯދުމުގައި މިލިޓަރީން ބޭނުންކޮށްފައިވަނީ ކުރީގެ ދީމިޤްރާތީ ގޮތުން އިންތިޚާބުކުރެވުނު ސަރުކާރުތަކާމެދު ސަލާމަތީ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުމެވެ.

ނަމަވެސް، ޖަންޓާ އުފެދުނީއްސުރެ، ބުރުކީނާ ފާސޯގެ ސަލާމަތީ ގޮންޖެހުންތައް ނިމުމަކަށް ގެނައުމަށް އެމީހުންނަށް ދަތިވެފައިވެއެވެ. މިއީ އެމީހުން ބުނާ ގޮތުގައި ވެރިކަން ހޯދުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.