އިންޑިއާގެ އުތުރުގައި ވައިގެ ކޮލިޓީ ރަނގަޅުވުމާ ގުޅިގެން، ވައި ތަޣައްޔަރުވުމާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ބުރާސްފަތި ދުވަހު ލުއިކޮށްފިއެވެ.

ދުންއަނދިރިކަން ފިލައި، އުޑު މަތި ސާފުވެ، ދިއްލީގެ ވައިގެ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 165 އަށް ދަށްވެ "މެދުމިން" ފެންވަރަށް ރަނގަޅުވެފައިވެއެވެ.

Ad
rt

ފާއިތުވި މަހު އޭކިއުއައި މައްޗަށް ދިއުމާ ގުޅިގެން، ވެރިރަށާއި އެ ސަރަޙައްދުގެ ސްކޫލުތައް ބަންދުކުރެވި، އިމާރާތްކުރުމުގެ ބައެއް މަސައްކަތްތައް މަނާކުރެވި، އަދި އޮފީސްތަކުގެ 50 އިންސައްތަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް އެންގުނެވެ.

އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރަން ކޮންޓްރޯލް ބޯޑުން ބަލާ ގޮތުގައި 0-50 އަކީ "ރަނގަޅު" އޭކިއުއައި އެވެ. އަދި 400 އަށްވުރެ މަތީގެ އޭކިއުއައި އަކީ "ނުރައްކާތެރި" މިންވަރެކެވެ. މިފަދަ ހާލަތެއްގައި ސިއްޙަތު ރަނގަޅު ދުޅަހެޔޮ މީހުންނަށްވެސް ނުރައްކާވެ، ބަލިމީހުންނަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.

ވައިގެ ކޮލިޓީ ރަނގަޅުވުމާއި، މޫސުމީ ހާލަތުގެ ލަފާތަކަށް ބަލައި، އަދި މި ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިޢާޔަތްކޮށް، ވެރިރަށުގެ ވައިގެ ކޮލިޓީއަށް ޒިންމާވާ ސަރުކާރުގެ އިދާރާ ކަމުގައިވާ ކޮމިޝަން ފޮރ އެއަރ ކޮލިޓީ މެނޭޖްމަންޓުން މި ފިޔަވަޅުތައް ލުއިކޮށްފައިވެއެވެ.

ނަމަވެސް މަގުތައް މެޝިނުން ސާފުކުރުމާއި، ޓްރެފިކް ބެލެހެއްޓުމާއި، ޕާކިންގ ފީ އިތުރުކުރުން ފަދަ ބައެއް ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައިވެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކުރެވޭ މިންވަރު ބަލައި، މުރާޖަޢާ ކުރެވޭނެއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ވައިގެ ކޮލިޓީ ރަނގަޅުކުރުމަށް އަޅާ ފިޔަވަޅުތައް މޮނިޓަރކޮށް ބަލަމުންދާއިރު، އޭކިއުއައި 350 އަށްވުރެ މައްޗަށް ދިއުމުން އަލުން މި ފިޔަވަޅުތައް ތަންފީޒުކުރުމަށް އަންގާފައިވާކަން ފާހަގަކުރެވެއެވެ.