ހެކަރުންގެ ސައިބަރ ހަމަލާއަކާ ގުޅިގެން އައިފޯނާއި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އެސްއެމްއެސް ފޮނުވުން ހުއްޓާލުމަށް އިންޒާރުދީފިއެވެ.
މިދިޔަ ދުވަސްތަކުގައި ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް ދިމާވެފައިވާ ބޮޑު ސައިބަރ ހަމަލާއަކާ ގުޅިގެން، އެމެރިކާގެ އޮފިޝަލުން ވަނީ ފޯނުން މެސެޖް ފޮނުވުން ހުއްޓާލުމަށް ރައްޔިތުންނަށް އިންޒާރުދީފައެވެ. މީގެ ބަދަލުގައި، އެންޑްރޮއިޑް އަދި އައިފޯން ބޭނުންކުރާ ފަރާތްތަކަށް ވަނީ ސިގްނަލް ނުވަތަ ވަޓްސްއެޕް ފަދަ އެންކްރިޕްޓެޑް މެސެޖިންގ އެޕްތައް ބޭނުންކުރުމަށް އިރުޝާދު ދީފައެވެ.
އެފްބީއައި އަދި އެމެރިކާގެ ސައިބަރ ޑިފެންސް އޭޖެންސީ ސީސާ އިން ބުނާ ގޮތުގައި، "ސޯލްޓް ޓައިފޫން" ގެ ނަމުގައި މަޝްހޫރުވެފައިވާ މި ސައިބަރ ހަމަލާ ދެމުން އަންނަނީ ޗައިނާގެ ހެކަރުންނެވެ. އެފްބީއައިގެ ސައިބަރ ޑިވިޜަންގެ އެސިސްޓަންޓް ޑައިރެކްޓަރ ބްރަޔަން ވޯންޑްރަން ވިދާޅުވީ، "ޗައިނާއާ ގުޅުންހުރި ނުރައްކާތެރި ފަރާތްތަކުން ވަނީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް އަމާޒުކޮށް، ސިއްރު މަޢުލޫމާތު ހޯދައި، ސައިބަރ ޖާސޫސް ކުރުމަށް މަސައްކަތްކޮށްފައެވެ.
ސެނެޓް އިންޓެލިޖެންސް ކޮމިޓީގެ ޗެއަރމަން ސެނެޓަރ މާކް ވޯނަރ ވަނީ މި ސައިބަރ ހަމަލާ "އެމެރިކާގެ ތާރީޚުގައި ޓެލެކޮމް ދާއިރާއަށް އެޅުނު އެންމެ ނުރައްކާތެރި ހެކް" ގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ޓެލެކޮމް ސިސްޓަމްތަކަށް ވަދެ، ގިނަ އަދަދެއްގެ ޑޭޓާ ހޯދުމަށް ޗައިނާއިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތެއް" ކަމަށް ވިދާޅުވެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން، އެމެރިކާގެ އޮފިޝަލުން ވަނީ ނެޓްވޯކް ޑިފެންޑަރުންގެ ހޭލުންތެރިކަން އިތުރުކޮށް، ޗައިނާއާ ގުޅުންހުރި ފަރާތްތަކުގެ އެކްސްޕްލޮއިޓޭޝަނުން ރައްކާތެރިވުމަށް ޑިވައިސްތައް ވަރުގަދަކުރުމަށް އިރުޝާދު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!