ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމާފައިވާ ނިންމުން ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން ކުރިން ނިންމާފައި އޮތީ އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް އަންނަ މަހުގެ 1 އިން ފެށިގެން ނުދިނުމަށެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައި ވަނީ، މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމާ އެކު، ކެބިނެޓްގެ އިއްޔެގެ ބައްދަލުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މައްސަލަ ހުށަހަޅުއްވައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ވަޒީފާއިން އަލަށް ރިޓަޔަރވާ ނުވަތަ މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޕެންޝަން ސްކީމްގެ ބޭރުން އިތުރު މަހު އެލަވެންސް ނުދޭން ސަރުކާރުން ކުރިން ނިންމީ، އެއީ އަސާސީ ޕެންޝަންގެ ތެރެއިން ލިބޭ ފައިސާގެ އިތުރުން، ވަކިވަކި އިދާރާތަކުން އަމިއްލައަށް ހިންގާ ރިޓަޔަމެންޓް ސްކީމްތަކުން ދޭ ފައިސާގެ އިނާޔަތް އެއްހަމަ ކުރުމުގެގޮތުންކަމަށް ވަނީ ބުނެފައެވެ.
މިހާރު އޮންނަ ގޮތުން ސަރުކާރުގެ ބައެއް އިދާރާތަކުން ރިޓަޔާވާ މުވައްޒަފުންނަށް ޑަބަލް ޕެންޝަން ލިބެއެވެ.
ސަރުކާރުން ދެމުން އަންނަ ޕެންޝަންގެ ދަށުން، އެ ސްކީމަށް މިއަހަރު 266 މިލިޔަން ރުފިޔާ ހޭދަކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!