ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއާއި އޮތް ފަރަގު ރެއާލުން ކުޑަކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 2-0 ގެ ނަތީޖާއިން ގެޓާފޭ ބަލިކޮށްފައެވެ.
މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއިއެކު ރެއާލުން ވަނީ އެއް މެޗު މަދުން ކުޅެ އެއްވަނާގައި އޮތް ބާސާއާއި އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. ބާސާ އެއްވަނާގައި އޮތީ 15 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލަށް 14 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. މެޗު ހަމަވާއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުސަތު މިހާރު ރެއާލަށް ވަނީ ތަނަވަސް ވެފައެވެ.
ރޭ މެޗުގެ ރެއާލުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ބެލިންހަމްއެވެ. އޭގެ އަށް މިނެޓް ފަހުން ބެލިންހަމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލަނޑުޖަހައި ރެއާލަށް ލީޑު ފުޅާކޮށްދީފައި ވަނީ އެމްބާޕޭއެވެ.
ރޭގެ މެޗަށް ނުކުތް އިރު އެމްބާޕޭ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގައި، އެމްބާޕޭ ދެއްކި ދަށް ކުޅުމާ އެކު އޭނާ އަށް މިދިޔަ ހަފުތާގައި ކުރިމަތިވި ފާޑުކިޔުން އިތުރުވެފައި ވަނިކޮށް ރޭ މެޗުގައި މޮޅު ކުޅުމެއް ދައްކައި އޭނާ ވަނީ ފާޑުކިޔުންތަކަށް ރަނގަޅު ރައްދެއް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!