ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ކެނެޑާއިން 50 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ދޭން ނިންމައިފިއެވެ.
ކެނެޑާގެ ސަރުކާރުން ހުކުރު ދުވަހު އިޢުލާނުކުރި ގޮތުގައި، މިއެހީ ދޭން ނިންމީ ޣައްޒާ އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައި ކުރިމަތިވެފައިވާ އިންސާނީ ހާލަތު ގޯސްވަމުންދާތީ، އެ ސަރަޙައްދުގެ ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދިނުމުގެ ނިޔަތުގައެވެ.
ކެނެޑާގެ ގްލޯބަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގައި ދިމާވެފައިވާ އިންސާނީ ހާލަތު ދަނީ ގޯސްވަމުންކަމާއި، ބަނޑުހައިހޫނުކަމުގެ ނުރައްކާ އިތުރުވަމުންދާތީ ކެނެޑާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކެނެޑާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު އަހްމަދު ހުސެއިން ވިދާޅުވީ، މި ފަންޑިންގ މެދުވެރިކޮށް ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ކުއްލި ސިއްހީ އެހީތެރިކަމާއި، ކާބޯތަކެއްޗާއި، ފެނާއި، ރައްކާތެރިކަމުގެ ޚިދުމަތްތަކާއި އަދި ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
މި އެހީ ފޯރުކޮށްދެވޭނީ އދ އާއި، ރެޑް ކްރޮސް އަދި އެ ސަރަހައްދުގައި މަސައްކަތްކުރާ އެހެނިހެން ތަޖުރިބާކާރު އެންޖީއޯތައް މެދުވެރިކޮށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޓޮރޮންޓޯގައި ވާހަކަދައްކަވަމުން މިނިސްޓަރު ހުސެއިން ވިދާޅުވީ، މިއަދު އިޢުލާނުކުރި ފަންޑިންގގެ އިތުރުން، ޣައްޒާއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ބައިވެރިންނާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ދެ ދައުލަތުގެ ހައްލަކާ ދިމާލަށް މަސައްކަތްކުރުމާއެކު، ދިގު މުއްދަތަކަށް ޣައްޒާ އަލުން ބިނާކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް އެ މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!