ސިނަމާލެ ބްރިޖު ހައިވޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 29 ނޮވެމްބަރު 2024 ވަނަ ދުވަހުގެ 14:43 ހާއިރުއެވެ.

Ad
rt

މި ހާދިސާގައި ބާރު ސްޕީޑުގައި ގަވާއިދާ ޚިލާފަށް އޯވަޓޭކު ކުރި ސައިކަލެއް އެހެން ސައިކަލަކާ ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި، އެއް ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެއީ ދިވެހި ފިރިހެނަކާއި އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެފަވެއެވެ.

މި ހާދިސާގައި އަނިޔާވި ފިރިހެން މީހާއަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާއިރު، އަންހެން މީހާއަށް ހޮސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ، ގަވާއިދާ ޚިލާފަށް އޯވަޓޭކު ކުރި ސައިކަލް އެކްސިޑެންޓް ވުމުންވެސް މަޑުނުކޮށް ދިޔަ މައްސަލައިގައި، އެ ސައިކަލް ދުއްވި ބ. އޭދަފުށި / ފަސްމީރު، ޝުނާން މުޙައްމަދު ޝާކިރު (22 އަހަރު) ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.