ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އިމާރާތެއް ހޯދުމާއި ގުޅުވައި ފަތުރާ ވާހަކަތަކާއިގުޅިގެން އަވަސް މިނިވަން ތަހުގީގެއް ހިންގައިދިނުމަށް އެ އޭޖެންސީން އެދިއްޖެއެވެ.
އެންސްޕާގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ހީނާ ވަލީދު ސޮއިކުރަށްވައި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ އޭޖެންސީ އަށް އިމާރާތެއް ހޯދުމާއި ގުޅުވައިގެން ބައެއް ނޫސްތަކުން ޙަޤީޤަތާއި ޚިލާފް ވާހަކަތައް ފަތުރަމުން އަންނަކަމަށެވެ.
ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާއި ގުޅުންހުރި އެންސްޕާ ފަދަ މުއައްސަސާ އަކާއި ގުޅޭގޮތުން އަދި އެ މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މައުލޫމާތު ފަތުރަމުންދާތީ އެކަމާއި ގުޅިގެން މިނިވަން އަވަސް ތަޙްޤީޤެއް ހިންގައި ދިނުމަށް އެދޭކަމަށް އޭސީސީ އަށް އެންސްޕާއިން ފޮނުވި ސިޓީގައި ބުނެފަވެއެވެ.
އެހެންކަމުން އެކަމާއި ގުޅޭ މިނިވަން ތަޙްޤީޤެއް ވީއެންމެ އަވަހަކަށް ހިންގައި، އެކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ އެ އޭޖެންސީގެ ވަރަށް ބޮޑު އެދުމެއްކަމުގައި އެންސްޕާގެ ސިޓީގައި ބުނެފަވެއެވެ.
''ވީމާ މިކަމާއި ގުޅިގެން ތިޔަ ކޮމިޝަންގެ ފުރިހަމަ ތަޙްޤީޤެއް ކުރިއަށް ގެންގޮސްދެއްވުމަށްފަހު އެ ރިޕޯޓު ވީއެންމެ އަވަހަކަށް މި އެޖެންސީއާއި ހިއްސާކޮށްދެއްވުން އެދެމެވެ.'' އެންސްޕާގެ ސިޓީގައި ބުނެފަވެއެވެ.
އެންސްޕާއިން މިގޮތަށް އޭސީސީގައި އެދިފައި މިވަނީ މީސްމީޑިއާގައި އެ އޭޖެންސީ ހިންގަން އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ތުހުމަތުތަކެއް ފެންމަތިކޮށްފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!