ބޭރުފައިސާއާއިބެހޭ ޤާނޫނުގެ ސަބަބުން ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވާލައި، އެ ބިލުގެ ޑްރާފްޓަށް އާންމުންގެ ޚިޔާލަށް ރޭގައި ހުޅުވާލަފައެވެ.
މި ބިލާއި ގުޅިގެން ރައީސް އެކްސްގައި ވިދާޅުވީ، 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއި ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި 17 ނޮވެމްބަރ 2024 ގައި އެމަނިކުފާނު ދެންނެވި ފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު ޢާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ.
''މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން'' ރައީސް ވިދާޅުވިއެވެ.
މި ޤާނޫނުގެ ސަބަބުން ހަތަރު ކަމެއް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. މިގޮތުން އެ ކަންކަމަކީ،
- ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން (2025 ޖުލައި މަހުން ފެށިގެން)
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދުން (2026 ގެ ފުރަތަމަ ކުއާޓަރ)
- ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުން (2026 ގެ ފުރަތަމަ ކުއާޓަރ)
- ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން (2025 ޖުލައި މަހުން ފެށިގެން)
''ޢާއްމު ރައްޔިތުންނަަށް ފައިދާ ހުރި މިފަދަ ކޮންމެ ކަމެއް ކުރުމަށް ސަރުކާރުން މި ކުރާ މަސައްކަތަށް ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން'' ރައީސް ވިދާޅުވެފަވެއެވެ.
މަރުކަޒީ ބޭންކުން ރޭ ޚިޔާލަށް ހުޅުވާލި "ބޭރު ފައިސާއާބެހޭ ބިލް" ގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ވިޔަފާރިތަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ. މިގޮތުން "އޭ" ކެޓަގަރީ ގައި ހިމެނެނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ފަތުރުވެރިޔަކު ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމްވާނެ އެވެ. އަދި "ބީ" ކެޓަގަރީ ގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހެ އެވެ.
މީގެ އިތުރުން މި ބިލުގައިވާގޮތުން 50 އެނދަށް ވުރެ ގިނަ ވިޔަސް މަދުވިޔަސް މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ޓޫރިސްޓު ހޮޓާތައް ވަނީ ''ބީ' ކެޓަގަރީގައި ހިމަނާފައެވެ. މިއާއިއެކު އެ ތަންތަނުން މާރުކުރަން ޖެހޭނީ ބޮލަކަށް 25 ޑޮލަރުގެ ރޭޓުންނެވެ.
މި ބިލަކީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން މުއާމަލާތްތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގެންގުޅުމާއި، ގަނެވިއްކުން ހުއްދަކުރުމާއި، ދިވެހިރާއްޖެއަށް ބޭރުފައިސާ އެތެރެކުރުމާއި، ރާއްޖެއިން ބޭރު ފައިސާ ބޭރުކުރުމާއި، ޤާނޫނުގެ ދަށުން ރާއްޖޭގައި ފޮރިން އެކްސްޗޭންޖް ރޭޓް ކަނޑައެޅުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ޖަމާކުރުމާއި އަދި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމާއި ބެހޭ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!