ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާގެ ބޯޓެއް ބަލާފާސްކޮށް އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަނަށް އަރާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވަނީ ހޮނިހިރުގެ ރޭ ދަންވަރު 12:45 ހާއިރު ހދ.މަކުނުދޫ ބޭރުން، ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް އަތުލައިގަނެފައިވާ ކަމަށެވެ.

Ad
rt

މިކަމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ތަކެތި ފެންނަ ފޮޓޯއެއް ހިއްސާކުރަށްވާ، ރައީސް ކުރެއްވި މި ޕޯސްޓްގައި ވިދާޅުވެފައި ވަނީ މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ ކަމަށެވެ.

''ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެއްމެ އިސްކަންދޭ އެއްކަންތައް. ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން.'' ރައީސް ވިދާޅުވެފަވެއެވެ.

ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާގެ ބޯޓު އަތުލައިގަތުމަށްފަހު އެމްއެންޑީއެފުން ގެންދިޔައީ ހދ. ކުޅުދުއްފުށީ ސިޓީ އަށެވެ. އެއަށްފަހު ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓު ގާޑުން އާދީއްތަ ދުވަހުގެ ހެނދުނު ވަނީ ބޯޓު ބަލައި ފާސްކޮށްފައެވެ.

މި ބޯޓުން އަތުލި މަސްތުވާތަކެތީގެ ތެރޭގައި 344 ކިލޯ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ހިމެނެއެވެ.

މި ބޯޓުގައި ތިބީ މުޅިން ވެސް ލަންކާ އަށް ނިސްބަތްވާ ފިރިހެނުންނެވެ.