ކުރިން ބާސެލޯނާއަށާއި ބަޔާން މިއުނިކަށް ވެސް ކޯޗް ކޮށްދިން، ގިނަބަޔަކު ގަބޫލްކުރާ އެންމެ މޮޅު އެއް ކޯޗް ކަމުގައިވާ ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއާގައި ޖެހިޖެހިގެން ފުރަތަމަ ފަހަރަށް ފަސް މެޗުން ބަލިވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ސިޓީ ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޓޮޓެންހަމް އަތުން ބަލިވެފައެވެ.
މި މެޗުން މެންޗެސްޓަރ ސިޓީ ބަލިވިއިރު ލީގުގައި ކުޅުނު 12 މެޗުން އެ ޓީމަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 11 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގައި އޮތް ޗެލްސީ އާއި އާސެނަލް އަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. ޓޮޓްނަމް ވަނީ 12 މެޗުން ލިބުނު 19 ޕޮއިންޓާއެކު ހަވަނައަށް އަރާފައެވެ.
މި މެޗުގެ 13 ވަނަ މިނިޓުގައި ޓޮޓްނަމްގެ ޖޭމްސް މެޑިސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. އަދި އޭގެ ހަތް މިނިޓް ފަހުން މެޑިސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ހާފުގައި 2-0 ގެ ލީޑެއް އެ ޓީމަށް ހޯދަދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޕެޑްރޯ ޕޯރޯ ވަނީ އިތުރު ލަނޑެއް ޓޮޓްނަމް އަށް ކާމިޔާބުކޮށްދީފަ އެވެ. އަދި އެ ޓީމުން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދީފައިވަނީ ބްރެނަން ޖޯންސަންއެވެ.
މިއީ 2006 ވަނަ އަހަރަށްފަހު މެންޗެސްޓަރ ސިޓީ ޖެހިޖެހިގެން ފަސްވަނަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ބަލިވުމާއެކު އެ ޓީމު އަމިއްލަ ދަނޑުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު 52 މެޗަށްފަހު ވަނީ ނިމުމަކަށް އައިސްފައެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން ސިޓީން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މިވަނީ ބަލިވެފައެވެ.
މީގެ އިތުރުން މެންޗެސްޓަރ ސިޓީގެ ކޯޗު ކަމާއި ޕެޕް ގަޑިއޯލާ ހަވާލުވި ފަހުން މިއީ ޕްރިމިއާ ލީގުގެ ތިން މެޗުގައި ޖެހިޖެހިގެން ސިޓީ ބަލިވި ފުރަތަމަ ފަހަރުވެސްމެ އެވެ. އަދި ގަޑިއޯލާގެ ކޯޗިން ހަޔާތުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން 4 ލަނޑުގެ ތަފާތުން މީގެ ކުރިން ބަލިވައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!