މާލޭގެ ފުރުގާން މިސްކިތަށް ގެއްލުންދީ ހަތިމުތައް ރޭ އުކާލައިފިއެވެ.

ސައިޚް އާދަމް ނިޝާން ޢަލީ އާދަމް ފޭސްބުކްގައި ކުރަށްވާފައިވާ ޕޯސްޓެއްގައި ވަނީ އެ މިސްކިތަށް ގެއްލުންދީ، ހަތިމުތައް އުކާލާފައި ހުއްޓާ ފެންނަ ވީޑިއޯއާއި ފޮޓޯ ހިމަނާފައެވެ.

Ad
rt

އެ ޕޯސްޓްގައި ސައިޚް ވިދާޅުވިގޮތުގައި އެކަން ހިނގާފައި ވަނީ ރޭގެ ފަތިސް ނަމާދުގެ ކުރިންނެވެ. ސައިޚް ވިދާޅުވެފައި ވަނީ، ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައިވާކަމަށް ވެސް ސައިޚް ވަނީ ވިދާޅުވެފައެވެ.

ސައިޚް ވިދާޅުވިގޮތުގައި މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ ''ބުއްދިފިލާ ގޮސްފައިވާ'' ޒުވާނެކެވެ. އަދި މީގެ ކުރިން އެތައް ފަހަރަކުވެސް އެ ޒުވާނާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައިކަމަށް ސައިޚް ވިދާޅުވެފަވެއެވެ.


''މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯއެވެ؟ އަދި ކީރިތި ޤުރްއާނަށާއި، الله ގެ ގެކޮޅުގެ ޙުރުމަތް ކަނޑައިގެން އެތައް ފަހަރަކު މީނާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާ އިރު މިކަމަށް އެޅޭނެ ފިޔަވަޅެއް މިދައުލަތުގައި ނެތީހެއްޔެވެ؟ މިއީ އިންތިހާއަށް ހިތާމަހުރި ކަންކަމެވެ.'' ސައިޚް ވިދާޅުވެފަވެއެވެ.

ސައިޚް ވިދާޅުވީ، މިމައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުން ފުލުހުން ވަނީ ފަތިސް ނަމާދު ފަހުން މިސްކިތަށް ގޮސް މަޢުލޫމާތު އޮޅުން ފިލުވާފައި ކަަމަށެވެ. އަދި ފޮރެންސިކް ޑިޕާޓްމެންޓްގެ ފުލުހުން ވެސް މިސްކިތަށް ގޮސް އެތަން ފޮޓޯނަގާފައިވާކަމަށް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލައެއް ހުށަހެޅިފައިވާތީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މާލޭގެ މިސްކިތްތަކުން ވައްކަންކުރުމާއި، ގެއްލުން ދިނުމަކީ ދޭތެރެ ދޭތެރެއިން ހިނގަމުން އަންނަކަމެވެ. މި މައްސަލަ ބޮޑުވެ، ސިޓީ ކައުންސިލުން ވަނީ މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައެވެ.