އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައި.ސީ.ސީ) ނެރެފައިވާ ހައްޔަރު އަމުރާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ހުޅަނގުގެ ތިން ޤައުމުކަމަށްވާ އިޓަލީ ވިލާތާއި، ނެދަލެންޑްސް އަދި ކެނެޑާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ.
ހޭގްގައި ހުންނަ ކޯޓުން މި އަމުރުތައް ނެރެފައިވަނީ އެދުވަހުގެ ކުރީކޮޅުގައެވެ. އަދި ނެތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް ޣައްޒާގައި ހިންގާފައިވާ ހަނގުރާމައާ ގުޅިގެން ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ތުހުމަތު ކޮށްފައިވެއެވެ. އަދި ހަމައެހެންމެ ފަލަސްތީނުގެ މުޤާވަމަތު ޖަމާޢަތުގެ އަސްކަރީ ވެރިޔާ މުޙައްމަދު ދޭފްގެ މައްޗަށްވެސް ހައްޔަރު އަމުރެއް ނެރެފައިވެއެވެ.
އިޓަލީގެ ދިފާއީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވެފައިވަނީ ނެތަންޔާހޫ އެ ޤައުމަށް ޒިޔާރަތްކޮށްފިނަމަ އޭނާ ހައްޔަރުކުރަން ޖެހޭނެ ކަމަށެވެ.
އިޓަލީގެ ދިފާއީ ވަޒީރ،ު ކްރޮސެޓޯ އާރް.އޭ.އައި ޓެލެވިޜަންގެ "ޕޯޓަ އަ ޕޯޓަ" ޕްރޮގްރާމަށް ވިދާޅުވެފައިވަނީ ނެތަންޔާހޫ އާއި ގަލަންޓް، ހަމާސްއާ އެއް ހަމައެއްގައި ބެހެއްޓުމަކީ އައި.ސީ.ސީއިން ކޮށްފައިވާ "ގޯސް" ކަމެއް ކަމަށް އޭނާ ދެކޭ ކަމަށެވެ. ނަމަވެސް "ނެތަންޔާހޫ ނުވަތަ ގަލަންޓް އިޓަލީއަށް އަތުވެއްޖެނަމަ، އަހަރެމެން އެބޭފުޅުން ހައްޔަރުކުރަން ޖެހޭނެ" ކަމަށް ވިދާޅުވެފަވެއެވެ.
މިއީ ސިޔާސީ ޗޮއިސްއެއް ނޫން ކަމަށާއި، ނަމަވެސް އައި.ސީ.ސީގެ މެންބަރެއްގެ ހައިސިއްޔަތުން އެ ކޯޓުގެ އަމުރުތަކާ އެއްގޮތަށްކާ އެއްގޮތަށް އަމަލުކުރަން އިޓަލީ މަޖުބޫރުވާ ކަމަށް ކްރޮސެޓޯ ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރ އެންޓޯނިއޯ ތަޖާނީ ވަނީ މީގެ ކުރިން މިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
"އަހަރެމެން އައި.ސީ.ސީއަށް ތާއީދުކުރަން، އަދި އެ ކޯޓުން ކުޅެންޖެހޭނީ ޤާނޫނީ ދައުރެއް ކަމާއި ސިޔާސީ ދައުރެއް ނޫންކަން އަބަދުވެސް ހަނދާންކުރަން. އަހަރެމެންގެ އެކުވެރިންނާއެކު މަޝްވަރާކޮށްގެން ކުރަންވީ ކަމަކާއި މި ނިންމުން މާނަކުރާނެ ގޮތެއް ނިންމާނަން." އޭނާ ވިދާޅުވެފަވެއެވެ.
ނެދަލެންޑްސްގެ ޖަސްޓިސް މިނިސްޓްރީގެ ތަރުޖަމާނެއް ވިދާޅުވެފައިވަނީ އެ ޤައުމުން އައި.ސީ.ސީގެ އަމުރުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށެވެ.
"ނެދަލެންޑްސްއަކީ އައި.ސީ.ސީގެ މެންބަރެއް. އަދި އެހެންކަމުން އެ ކޯޓުގެ އަމުރުތަކާ އެއްގޮތަށް އަމަލުކުރުމަށް ޤާނޫނީ ގޮތުން ލާޒިމްވޭ،" އެ ތަރުޖަމާނު ވިދާޅުވިއެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެފައިވަނީ އެ ޤައުމުންވެސް އައި.ސީ.ސީގެ އަމުރުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށެވެ.
"ކެނެޑާއަކީ އައި.ސީ.ސީގެ މެންބަރެއް. އަދި އެހެންކަމުން އަހަރެމެން އެ ކޯޓުގެ އަމުރުތަކާ އެއްގޮތަށް އަމަލުކުރާނަން،" ޓްރޫޑޯ ވިދާޅުވިއެވެ.
އައި.ސީ.ސީއިން މި އަމުރުތައް ނެރުމާ ގުޅިގެން އިސްރާއީލުން ވަނީ ހަރުކަށި އިބާރާތުން ފާޑުކިޔާފައެވެ. އަދި އެ ޤައުމުގެ ބޮޑުވަޒީރު ނެތަންޔާހޫ ވިދާޅުވެފައިވަނީ މި އަމުރުތަކަކީ "ބާޠިލް" އެއްޗެއްކަމަށް ވިދާޅުވެފައެވެ.
"އަހަރެމެން މި އަމުރުތަކަށް ބޯނުލަނބާނަން. އަދި އަހަރެމެންގެ ޙައްޤު ދިފާޢުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،" ނެތަންޔާހޫ ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!