އިނގިރޭސިވިލާތުން ފޯރުކޮށްދީފައިވާ ސްޓޯމް ޝެޑޯ މިސައިލްތަކުން ރަޝިޔާގެ ސަރަޙައްދަށް ޔުކްރެއިނުން ހަމަލާ ދީފިއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔޫކޭގެ ސްޓޯމް ޝެޑޯ މިސައިލްތަކުން ޔުކްރެއިނުން ރަޝިޔާގެ ސަރަޙައްދަށް ދެ މިސައިލް އަމާޒުކޮށްފައިވެއެވެ. ނަމަވެސް މި ދެ މިސައިލްވެސް ވަނީ ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވާލެވިފައި ކަމަށް ރަޝިއާއިން ބުނެއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ދެ ސްޓޯމް ޝެޑޯ ކްރޫޒް މިސައިލާއި، 6 ހިމާސް ރޮކެޓާއި، އަދި 67 ޑްރޯން ވަނީ ވައިގެ ދިފާޢީ ނިޒާމުތަކުން ނައްތާލެވިފައި" ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް މި ހަމަލާ ސިފަކުރީ "އައު އެސްކަލޭޝަނެއް" ގެ ގޮތުގައެވެ. އަދި އެމެރިކާގެ މިސައިލްތައް ބޭނުންކޮށްގެން ޔުކްރެއިނަށް ރަޝިޔާގެ ސަރަޙައްދަށް ހަމަލާދިނުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ބައިޑެންގެ އިދާރާގެ "ޒިންމާދާރުކަން ކުޑަ އިޖްރާއާތު" އަށް ފާޑުކިޔައިފައިވެއެވެ.
ޕެސްކޮވް ވިދާޅުވީ، "އެމެރިކާއިން މި ހަނގުރާމައިގެ އަލިފާނަށް ތެޔޮ އަޅަމުން ދަނީ، ކޮންމެ ގޮތަކުންވެސް މި ހަނގުރާމަ ނިމުމަކަށް އައުން ހުއްޓުވަމުން، އަދި ޔުކްރެއިން ބޭނުންކުރަމުންދަނީ ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން ހިންގާ ހަނގުރާމައިގައި އެމެރިކާގެ އަތްމަތީ ހަތިޔާރެއްގެ ގޮތުގައި" ކަމަށެވެ.
ހޯމަ ދުވަހު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ހުޅަނގުގެ ބެލިސްޓިކް މިސައިލްތައް ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދަ ޔުކްރެއިނަށް ދެއްވާފައެވެ.
ރަޝިޔާގެ ސަރަޙައްދަށް ޔުކްރެއިނުން ދޭ ހަމަލާތަކަށް އިތުރަށް ބާރުގަދަ ހަތިޔާރުތަކުން ޖަވާބުދާރީވުމުގެ ފުރުސަތާ ގުޅޭގޮތުން ސުވާލުކުރުމުން، ޕެސްކޮވް ވިދާޅުވީ އެއީ ދިފާޢީ ވުޒާރާއާ ގުޅުންހުރި ކަމެއް ކަމަށެވެ.
ބުދަ ދުވަހު ރަޝިޔާއިން ބުނެފައިވަނީ ޔުކްރެއިނުން ވަނީ އެޓީސީއެމްއެސް މިސައިލްތައް ބޭނުންކޮށްގެން ރަޝިޔާގެ ބްރިޔާންސްކް ސަރަޙައްދަށް ހަމަލާދީފައި ކަމަށާއި، މި ހަމަލާގައި ދިން ގިނަ މިސައިލްތައް ވަނީ ޕެންޓްސިރް އަދި އެސް-400 ވައިގެ ދިފާޢީ ނިޒާމުތަކުން ހުއްޓުވާލެވިފައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!