ދިވެހިރާއްޖޭގެ ބީޗް ހޭންޑްބޯލް ޤައުމީޓީމެއް އެކުލަވާލުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި ސިޓީއަށްވުރެ ވަކި ރަނގަޅު އެހެންތަނެއް މިވަގުތުނެތް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މޭޔަރު އާތިފް މީސްމީޑިޔާގައި ހިއްސާކުރި މެސެޖެއްގައި ވިދާޅުވި ގޮތުގައި، ކުޅުދުއްފުށި ސިޓީއަކީ މި ފަރިތަކުރުންތައް ބޭއްވުމަށް އެންމެ އެކަށީގެންވާ އެތައް ސަބަބުތަކެއް ހުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ކުޅުދުއްފުށީގައި ބައިނަލްއަޤްވާމީ ކޯޗުންނާއެކު ބީޗް ހޭންޑްބޯލް ކޯޗިންގ ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާތީ، މި ކުޅިވަރަށް ޓްރެއިނިންގ ލިބިފައިވާ މޮޅެތި ކުޅުންތެރިން ގިނަކަން މޭޔަރު އާތިފް ފާހަގަކުރެއްވި އެވެ. އަދި ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބީޗް ހޭންޑްބޯލް މުބާރާތްތައް ބާއްވާފައިވަނީވެސް ކުޅުދުއްފުށީގައެވެ.

Ad
rt

މީގެ އިތުރުން، މިއަހަރު ދ. ކުޑަހުވަދޫގައި ބޭއްވުނު މުޅި ރާއްޖެއަށް ހުޅުވާލި ބީޗް ހޭންޑްބޯލް މުބާރާތުގައި، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން ތިބި ޓީމުތަކާ ވާދަކޮށް ކުޅުދުއްފުށީ ޓީމު ވަނީ ފަސޭހަކަމާއެކު ކާމިޔާބު ހޯދާފައެވެ.

ކުޅުދުއްފުށީގައި ބީޗް ހޭންޑްބޯލް ކުޅެން އެކަށީގެންވާ ރަނގަޅު ކޯޓެއް ހުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަ ކުޅުންތެރިންނަށް މާލެއަށްވުރެ ކުޑަ ޚަރަދެއްގައި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖެއްސޭނެކަން ވެސް މޭޔަރު އާތިފް ފާހަގަކުރެއްވިއެވެ.

ހޭންޑްބޯލް އެސޯސިއޭޝަނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ލިބޭކަންވެސް މޭޔަރު އާތިފް ފާހަގަކުރެއްވިއެވެ. ޤައުމީ ޓީމުގެ ކޯޗުގެ ހުރުމާއި ކެއުމުގެ ޚަރަދު ސިޓީ ކައުންސިލުން ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށާއި، ޕްރެކްޓިސްއަށް ކޯޓު ތައްޔާރުކުރުމުގައިވެސް ސިޓީ ކައުންސިލުގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމަކީ ވަރަށް ފުރިހަމަ އަދި ހިކުމަތްތެރި ނިންމުމެއްކަމަށާއި، މި ކުޅިވަރުގެ ކޮމިއުނިޓީއަށް އެންމެ އިންސާފުވެރި ނިންމުންކަމުގައި ދެކޭކަމަށް މޭޔަރު އާތިފް ވިދާޅުވިއެވެ.

ހޭންޑްބޯލް ބީޗް ޤައުމީ ޓީމެއް އެކުލަވާލުމަށް ނިންމައި، މި މަހުގެ 9 ވަނަ ދުވަހު ހޭންޑް ބޯލް އެސޯސިއޭޝަނުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ ބީޗް ހޭންޑްބޯލް ޓީމުގެ ސެލެކްޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރުން މަތީގެ ހޭންޑްބޯލް ކުޅުންތެރިންނަށް ހުޅުވާލައިފައެވެ. މިއީ، ކުރިއަށް އޮތް ކޮމަން ވެލްތް ބީޗް ގޭމްސްއަށް ރާއްޖެއިން އެކުލަވައިލާ ޓީމެއްކަމަށް މަޢުލޫމާތު ލިބެއެވެ.

މިފަދަ، ކަމެއް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމެވުމަކީ ރަނގަޅު ކަމެއްކަމުގައި ގިނަފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެއީ އަބަދުވެސް ހުރިހާ ފުރުޞަތެއް މާލެއަށް ޖަމާވެފައި އޮންނަ އޮތުން ނިމުމަކަށް އަންނަ ކަމެއް ކަމުގައި ފާހަގަ ކުރެވެއެވެ.