ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދެއެއްގައި ރޭ ފްރާންސާއި އިޓަލީ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ފްރާންސް ކާމިޔާބު ކުރުމާއިއެކު ގްރޫޕްގެ އެއްވަނަ ފްރާންސަށް ލިބިއްޖެއެވެ.

މި ގްރޫޕްގެ ފަހު މެޗަށް ރޭ މި ދެ ޓީމް ނުކުތްއިރު، ދެ ޓީމަށް ވެސް އޮތީ ކުއާޓާގެ ޖާގައެއް ކަށަވަރުވެފައެވެ. ނަމަވެސް މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ރޭ މެޗާއި ހަމައަށް އިޓަލީ އޮތްއިރު އެއް ލަނޑުގެ ތަފާތަކުން ބަލިވެގެން އެ ޓީމަށް އެއްވަނަ ޖާގަ ގެއްލޭކަށް ނެތެވެ. ނަމަވެސް ރޭ ދެ ލަނޑުގެ ތަފާތަކުން ފްރާންސް މޮޅުވުމާއިއެކު ކުޅުނު 6 މެޗުން 13 ޕޮއިންޓް ލިބި ފްރާންސަށް ވަނީ އެއްވަނަ ލިބިފައެވެ. ދެވަނާގައި އިޓަލީ އޮތީ ވެސް 6 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.

Ad
rt

ރޭ އިޓަލީގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ފްރާންސުންނެވެ. މި ލަނޑު ދެވަނަ މިނެޓުގައި ލޫކަސް ޑީނޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރެބިއުޓްއެވެ. މެޗުގެ 33 ވަނަ މިނެޓުގައި ފްރާންސަށް ދެ ލަނޑުގެ ލީޑެއް ލިބިގެން ދިޔައީ އިޓަލީގެ ކީޕަރު ވިކާރިއޯ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަމްބިއާސޯ ވަނީ ލަނޑެއްޖަހައި އިޓަލީއަށް އުންމީދު ހޯދައިދީފައެވެ.

ދެވަނަ ހާފު އިޓަލީން ފެށީ ޓީމް ކުރިއަށް ޖައްސައި އެޓޭކަށް އިސްކަން ދީގެންނެވެ. ނަމަވެސް ލަނޑެއް ނުޖެހި އުޅެނިކޮށް ފްރާންސުން ވަނީ 65 ވަނަ މިނެޓުގައި އެ ޓީމްގެ ތިންވަނަ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ވެސް ރެބިއުޓްއެވެ.

ރޭ މި ގްރޫޕްގައި ބެލްޖިއަމް އާއި އިޒްރޭލް ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިޒްރޭލުންނެވެ.