ސެނެގާލްގެ ޕާލިމެންޓަރީ އިންތިޚާބުގެ ވޯޓުލުން މިއަދު ފެށިއްޖެއެވެ. މި އިންތިޚާބަކީ ރައީސް ބަސިރޫ ދިއޮމޭ ފައޭ ވެރިކަމަށް އައުމަށްފަހު ބޭއްވޭ ފުރަތަމަ ޕާލިމެންޓަރީ އިންތިޚާބެވެ.
ސެނެގާލްގެ 17 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 7 މިލިއަނަށްވުރެ ގިނަ މީހުންނަށް މިއަދު ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މި އިންތިޚާބުގައި 165 ގޮނޑީގެ ނެޝަނަލް އެސެމްބްލީއަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ.
މިއިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވޭނީ ހޯމަދުވަހުގެ ރޭ ކަމަށް ބެލެވެއެވެ.
ރައީސް ފައޭ ވަނީ މާޗް މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯދާފައެވެ. އޭނާގެ ވައުދުތަކުގެ ތެރޭގައި އިޤްތިޞާދީ ބަދަލުތަކާއި، އިޖްތިމާޢީ ޢަދުލުވެރިކަމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ. މި ވައުދުތަކަކީ އަގުބޮޑުވުމާއި ވަޒީފާގެ ފުރުޞަތު މަދުވުމުގެ މައްސަލަތަކާ ކުރިމަތިލާންޖެހިފައިވާ ޒުވާނުންގެ މެދުގައި އުއްމީދު އާކޮށްދިން ވައުދުތަކެކެވެ.
ރައީސް ފައޭ ވަނީ ސެޕްޓެމްބަރު މަހު ނެޝަނަލް އެސެމްބްލީ އުވާލާފައެވެ. އަދި އޭނާގެ މެންޓަރ އުސްމާން ސޮންކޯ ވަނީ ބޮޑުވަޒީރުކަމަށް ޢައްޔަން ކޮށްފައެވެ. ސޮންކޯއަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ފަރާތެކެވެ.
ފައޭ އާއި ސޮންކޯ ވަނީ ވައަތުފިޔައިގެ ފިކުރުގެ ޕޭން-އެފްރިކަން އެޖެންޑާއެއް ކުރިއަށް ގެންދިއުމަށް ވައުދުވެފައެވެ. މީގެ ތެރޭގައި ސިޔާސީ އަދި އިޤްތިޞާދީ ގުޅުންތައް ފުޅާކުރުމާއި، ހައިޑްރޯކާބަން އަދި މަސްވެރިކަމުގެ އެއްބަސްވުންތައް މުރާޖަޢާ ކުރުމާއި، ސެނެގަލްގެ މިނިވަންކަން އަލުން ޤާއިމުކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!