ބެންގަލޫރުގެ އާރްޓީ ނަގަރުގައި ހުރި ހޮޓަލެއްގެ ކޮޓަރިއެއްގައި ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިޔާވެފައި އޮތް ދިވެއްސެއް ފެނުނީ މިދިޔަ ބުދަ ދުވަހުއެވެ. އެމީހާ އަކީ އުމުރުން 43 އަހަރުގެ ހަސަން ސުހައިލް ކިޔާ މީހެއްކަމަށް ނޫސްތަކުން ބުނެފަވެއެވެ.
ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާ ގޮތުގައި އޭނާ ބުދަ ދުވަހު ކޮޓަރިން ބޭރަށް ނުނިކުމެ، ކާއެއްޗެހި އޯޑަރު ނުކުރުމުން، ހޮޓަލުގެ މުވައްޒަފުން އޭނާއާ ގުޅަން މަސައްކަތް ކުރިއެވެ. އަދި އޭނާ ޖަވާބު ނުދިނުމުން، ހޮޓަލުގެ މުވައްޒަފުން، އާރްޓީ ނަގަރު ފުލުހުންނަށް އެކަން އެންގީކަމަށެވެ.
ފުލުހުން ދޮރު ތަޅާލައި ވަދެ ބެލިއިރު އޭނާ (ސުހައިލް) ނިޔާވެފައި އޮއްވާ ފެނިފައިވާކަމަށާއި، އޭނާ މަރުވި ސަބަބު އަދި ވަނީ ދެނެނުގަނެވިކަމަށް އެނޫހުގައި ރިޕޯޓްކޮށްފަވެއެވެ.
އިބްތިދާއީ ތަޙްޤީޤަށް ބިނާކޮށް، ފުލުހުންނާއި ހަވާލާދީ އެ ނޫހުން ބުނީ، ސުހައިލް ދިވެހިރާއްޖެއިން ބެންގަލޫރަށް އައީ ނޮވެމްބަރު 10 ވަނަ ދުވަހު ކަމަށެވެ. އަދި ބަލާރީ މަގުގައި ހުންނަ އާރްޓީ ނަގަރުގެ ގަންގާނަގަރުގައި ހުރި ކަނަކަ ކްރިޝްނާ ކޮމްފޯޓްސްގައި އޭނާ މަޑުކޮށްފައިވާ ކަމަށެވެ. ހޮޓަލުގެ މުވައްޒަފުން ފުލުހުންނަށް ބުނި ގޮތުގައި ސުހައިލް އެންމެ ފަހުން ފެނިފައިވަނީ ނޮވެމްބަރު 12 ވަނަ ދުވަހުގެ ހަވީރުއެވެ.
ފުލުހުންގެ އޮފިސަރަކާއި ހަވާލާދީ އެ ނޫހުން ބުނި ގޮތުގައި ސުހައިލް ވަނީ ނޮވެމްބަރު 11 ވަނަ ދުވަހު ބެންގަލޫރުން ބޯޕާލަށް ދަތުރުކުރުމަށް ފްލައިޓެއް ބުކް ކޮށްފައެވެ. ނަމަވެސް އޭނާ ދަތުރެއް ނުކުރެއެވެ. އޭނާ ވަނީ ނޮވެމްބަރު 14 ވަނަ ދުވަހު ބޯޕާލުން މުންބާއީއަށް ފްލައިޓެއް ބުކް ކޮށްފައެވެ. އަދި ނޮވެމްބަރު 15 ވަނަ ދުވަހު މުންބާއީން ދިވެހިރާއްޖެއަށް ފްލައިޓެއް ބުކް ކޮށްފަވެއެވެ.
"އަޅުގަނޑުމެންނަކަށް ނޭނގެ އޭނާ ކީއްވެގެންކަމެއް ބޯޕާލަށް ދަތުރު ނުކުރީ. އަދި ކޮންމެ ދުވަހަކު ފްލައިޓެއް އޮއްވާ އޭނާ ކީއްވެގެންކަމެއް ގަންގާނަގަރުގެ ހޮޓަލަށް އައިސް މަޑުކުރީ. އޭނާ ވަނީ ފާޚާނާ ކުރިމަތީގައި ހޮޑުލާފައެވެ. އަޅުގަނޑުމެން ޝައްކުކުރަނީ ލޭގެ ޕްރެޝަރު ދަށްވެ، ހަށިގަނޑުގައި ފެން މަދުވުމުގެ ސަބަބުން ހިތުގެ ބަލިމަޑުކަމެއް ޖެހުނީ ކަމަށެވެ،" އެ އޮފިޝަލް ބުނެފަވެއެވެ.
"އަޅުގަނޑުމެން ވާނީ ދިވެހިރާއްޖޭގެ އެމްބަސީއާއި އިމިގްރޭޝަން އޮފިޝަލުންނާ ގުޅާފައެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށާއި އޭނާ އިންޑިއާއަށް އައި ބޭނުން އެނގުމަށް އޭނާގެ އާއިލާގެ މެންބަރުން އަންނަންދެން މަޑުކުރަމުންނެވެ. އޭނާ ވަނީ މީގެ ކުރިން އޯގަސްޓް މަހު ބެންގަލޫރަށް އައިސްފައެވެ. އޭނާ އެތައް ފަހަރަކު އައި ބޭނުން އަދިވެސް ވަނީ ނޭނގިއެވެ،" އެ އޮފިޝަލް އިތުރަށް ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!