ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާއާއި ޕެރަގުއޭ ބައްދަލު ކުރި މެޗުން އާޖެންޓީނާ ބަލިވިއިރު، ވެނެޒުއޭލާއާއި ބްރެޒިލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ޕެރަގުއޭގައި އެ ގައުމުގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ އާޖެންޓީނާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

Ad
rt

މެޗުގެ 11 ވަނަ މިނެޓުގައި ލަނޑުޖަހައި އާޖެންޓީނާއިން ލީޑު ނެގިއެވެ. މި ލަނޑު ޖަހައިދިނީ ލިސަންޑްރޯ މާޓިނޭޒްއެވެ. އޭގެ އަށް މިނެޓް ފަހުން ޕެރަގުއޭގެ ސްނަބްރިއާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުން ޕެރަގުއޭ މޮޅުވި ލަނޑު 47 ވަނަ މިނެޓުގައި ޖަހައިދިނީ އޮމަރް އެވެ. އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީގެ ފަރާތުންނާއި މުޅި އެ ޓީމްގެ ފަރާތުން ވެސް މި މެޗުގައި ފެނިފައި ވަނީ އާދައިގެ ކުޅުމެކެވެ.

ރޭ ބްރެޒިލްއާއި ވެނެޒުއޭލާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބްރެޒިލް އިންނެވެ. މި ލަނޑު 43 ވަނަ މިނެޓުގައި ޖަހައިދިނީ ރަފީނިއާއެވެ. ވެނެޒުއޭލާއިން ނަތީޖާ ހަމަހަމަ ކުރި ލަނޑު 46 ވަނަ މިނެޓުގައި ޖަހައިދިނީ ސެގޮވިއާއެވެ.

ޕެރަގުއޭގައި ކުޅުނު މި މެޗުން އާޖެންޓީނާ ބަލިވި ނަމަވެސް ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގެ އެއްވަނަ ޓީމުގެ ގޮތުގައި އަދިވެސް އޮތީ އާޖެންޓީނާއެވެ. މިހާތަނަށް އާޖެންޓީނާ ކުޅުނު 11 މެޗުން 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ކޮލަމްބިއާއަށް 10 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. އެހެންކަމުން ކޮލަމްބިއާ އާއި އުރުގުއޭ މާދަމާ ކުޅޭ މެޗުން ފަސް ގޯލުގެ ތަފާތަކުން ކޮލަމްބިއާ މޮޅުވެގެން ނޫން ގޮތަކަށް އާޖެންޓީނާއަށް ތާވަލުގެ އެއްވަނަ މަގާމު ނުގެއްލޭނެއެވެ. ކޮލިފައިންގެ ތިންވަނަ މަގާމުގައި އޮތް ބްރެޒިލް އަށް 11 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.