ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވުމާއި އެކްސްގެ ޚިދުމަތުގެ ޝަރުތުތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލަކާ ގުޅިގެން ގިނަ ބަޔަކު އެކްސް ދޫކޮށް ބްލޫސްކައި އަށް ބަދަލުވަމުންދާ ކަމަށް ބްލޫސްކައިން ބުރާސްފަތި ދުވަހު ބުނެފިއެވެ.
ފާއިތުވި ހަފްތާގައި އެކަނި ވެސް 2.5 މިލިއަން މީހުން ބްލޫސްކައި އަށް އައު އެކައުންޓް ހަދާފައިވާ ކަމަށާއި، މިހާރު ޖުމްލަ 16 މިލިއަނަށް ވުރެ ގިނަ ޔޫސަރުން ބްލޫސްކައި ބޭނުންކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެއް ދުވަހެއްގެ ތެރޭގައި އެއް މިލިއަން ޔޫސަރުން އިތުރުވާނެ ކަމަށްވެސް ބްލޫސްކައިން ލަފާކުރެއެވެ.
އެކްސް އަކީ ކުރިން ޓްވިޓަރ ގެ ނަމުގައި އޮތް ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. އީލޮން މަސްކް އެ ޕްލެޓްފޯމް ގަތުމަށްފަހު ގެނައި ބަދަލުތަކާ ގުޅިގެން ގިނަ ބަޔަކު އެކްސް ދޫކޮށްލަމުންދާ ކަމަށް ބެލެވެއެވެ.
ސެންޓަރ ފޯ ކައުންޓަރިންގ ޑިޖިޓަލް ހޭޓް އާއި ދަ ގާޑިއަން އަދި ކުރީގެ ސީއެންއެން އެންކަރ ޑޮން ލެމަން ފަދަ ފަރާތްތަކުން ވަނީ އެކްސް ދޫކޮށްލާ ކަމަށް ބުނެފައެވެ. އެކްސްގެ ކޮންޓެންޓާއި ޚިދުމަތުގެ ޝަރުތުތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެމެރިކާގެ އިންތިޚާބުގައި ދޮގު މައުލޫމާތު ފެތުރުމުގައި އެކްސް އިން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް މައުލޫމާތު ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރި ޚަބަރު ފެތުރުނު ދުވަހު އެކްސް އަށް 46.5 މިލިއަން ވިޒިޓް ލިބުނު ކަމަށް ސިމިލަރވެބް އިން ހާމަކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރު ތެރޭގައި އެންމެ ގިނަ ވިޒިޓް ލިބުނު ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!