ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ އަނިޔާވެރި ގަތުލުއާންމުގެ ތެރޭގައި ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކާއި ނަސްލު ފޮހުމުގެ ޢަމަލުތައް ހާމަކޮށްދޭ ފިލުމެއް "ދަ އެވިޑެންސް" ނަމުގައި ނެރެފައެވެ. މި ފިލްމަކީ ޣައްޒާގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތަކުގެ ޙަޤީޤަތް ދުނިޔެއަށް ހާމަކޮށްދިނުމަށް އުފައްދާފައިވާ މުހިންމު ވަސީލަތެކެވެ.

މި ފިލްމުގައި ހިމެނިފައިވަނީ ޣައްޒާގައި މަސައްކަތްކުރާ ނޫސްވެރިން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެވެ. މި މަންޒަރުތަކުގައި ހިމެނެނީ އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ވީރާނާވެފައިވާ އިމާރާތްތަކާއި، ޝަހީދުވެފައިވާ އާންމު ރައްޔިތުންނާއި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގެ ނަތީޖާތަކެވެ. މީގެ އިތުރުން، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތުގެ މަންޒަރުތައްވެސް މި ފިލްމުގައި ހިމެނިފައިވެއެވެ.

Ad
rt

ފިލްމުގެ ކްރެޑިޓާއި ޙައްޤުތައް ނިސްބަތްވަނީ "ޣައްޒާ ނޮޓިފިކޭޝަން" ކިޔާ މީޑިއާ ކުންފުންޏަކަށެވެ. މިއީ ޣައްޒާގެ ހާލަތު ދުނިޔެއަށް ހާމަކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ފަރާތެކެވެ. އެމީހުންގެ މަސައްކަތުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ޣައްޒާގެ ޙަޤީޤީ ހާލަތު ދެނެގަތުމުގެ ފުރުޞަތު ލިބިގެންދެއެވެ.

"ދަ އެވިޑެންސް" ފިލްމު ނެރުމާ ގުޅިގެން، އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން އިސްރާއީލުގެ ޢަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.

މި ފިލްމުގައި ދައްކާ މަންޒަރުތަކާއި އަޑުތަކުން ގިނަ ބަޔަކު ސިހިގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މިފަދަ ހެކިތައް ހާމަކުރުމަކީ ދުނިޔޭގެ ސަމާލުކަން ހޯދުމަށާއި، އަނިޔާ ލިބެމުންދާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.