ދުނިޔޭގެ މޫސުމަށް ކުރިމަތިވެފައިވާ ކާރިސާގެ ކުރީ ސަފުގައި ތިބީ ރެފިއުޖީން ކަމުގައި އދ. އިންޒާރު ދީފިއެވެ.
އދ. ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ރެފިއުޖީންގެ އަދަދު އިތުރުވަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މިހާރުވެސް ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ހިޖުރަކުރަމުންދާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި އަދަދު އިތުރަށް މައްޗަށް ދާކަމަށް ބުނެފައިވެއެވެ.
އދ. ގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރު) އިން އަންގާރަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މަޖުބޫރީ ހާލަތުގައި ހިޖުރަކުރާ މީހުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައި މީހުން ދިރިއުޅެނީ މޫސުމީ ނުރައްކާތަކުގެ ސަބަބުން ބޮޑަށް އަސަރުކުރާ ޤައުމުތަކުގައެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހަނގުރާމައިގެ ސަބަބުން ހިޖުރަކުރާ މީހުންގެ އަދަދު ދެގުނަ އިތުރުވެ، 120 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، އޭގެ ތެރެއިން 90 މިލިއަން މީހުން ދިރިއުޅެނީ މޫސުމީ ނުރައްކާތަކަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާ ޤައުމުތަކުގައެވެ.
ހިޖުރަކުރާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ހަނގުރާމައާއި މޫސުމީ ނުރައްކާތަކުގެ ދެކަމަށްވެސް ހުށަހެޅިފައިވާ ޤައުމުތަކުގައެވެ. މީގެ ތެރޭގައި މިޔަންމާ، ސޯމާލިއާ، ސޫދާން އަދި ސީރިއާ ހިމެނެއެވެ.
އދ. ގެ ހައި ކޮމިޝަނަރ ފޮރ ރެފިއުޖީސް ފިލިޕޯ ގްރާންޑީ ވިދާޅުވީ، "ދުނިޔޭގެ އެންމެ ނާޒުކު ހާލަތުގައިވާ މީހުންނަށް، މޫސުމަށް އަންނަ ބަދަލުތަކަކީ އެމީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރާ ހަޤީޤަތެކެވެ. މޫސުމީ ކާރިސާގެ ސަބަބުން މީހުން ހިޖުރަކުރަން ޖެހެނީ މިހާރުވެސް ހަނގުރާމައާއި ނާމާންކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ހިޖުރަކޮށްފައިވާ ސަރަޙައްދުތަކަށެވެ. މިކަމުގެ ސަބަބުން އެމީހުންގެ ހާލަތު އިތުރަށް ގޯސްވެ، ރައްކާތެރި ތަނެއް ނުލިބި ދަތިވެއެވެ.
ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 700,000 އަށްވުރެ ގިނަ މީހުން ޗެޑަށް ހިޖުރަކޮށްފައިވެއެވެ. ޗެޑުން އަހަރުތަކެއް ވަންދެން ރެފިއުޖީންނަށް ހިޔާވަހިކަން ދީފައިވީނަމަވެސް، އެޤައުމަކީވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާ ޤައުމެކެވެ. ސޫދާނުގައި ދިރިއުޅޭ މީހުންނަށް ބޮޑެތި ފެންބޮޑުވުންތަކުގެ ސަބަބުން އިތުރަށް ހިޖުރަކުރަން ޖެހުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!