މޮރިޝަސްގެ ޕާލިމެންޓަރީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުގެ ލީޑަރު ނަވިން ރާމްގޫލަމްއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށް އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

އިލެކްޓޯރަލް ކޮމިޝަނަރުގެ އޮފީހުން އަންގާރަ ދުވަހު ބުނި ގޮތުގައި، 77 އަހަރުގެ ރާމްގޫލަމް އާއި އޭނާގެ "އެލަޔަންސް އޮފް ޗޭންޖް" (އޭޑީސީ) ކޯލިޝަނަށް ވޯޓުގެ 62.6 އިންސައްތަ ލިބިފައިވެއެވެ.

Ad
rt

ތިން ފަހަރުމަތިން ބޮޑުވަޒީރުކަން ކޮށްފައިވާ ރާމްގޫލަމްއަށް މިނަތީޖާއާއިއެކު އެވަނީ ހަތަރުވަނަ ދައުރެއް ކަށަވަރުވެފައެވެ. މޮރިޝަސްގެ ސަރުކާރުގެ ބްރޯޑްކާސްޓަރު، މޮރިޝަސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ރިޕޯޓުކުރި ގޮތުގައި އޭޑީސީއަށް ނެޝަނަލް އެސެމްބްލީގެ 62 ގޮނޑީގެ ތެރެއިން 60 ގޮނޑި ލިބިފައިވެއެވެ.

"ރައްޔިތުންގެ ކޯޓުން އޭގެ ނިންމުން އިއްވައިފި، އަދި އައު މޮރިޝަސްއެއް މިހާރު ވަނީ ހޭލައިފަ،" ރާމްގޫލަމްގެ ސަޕޯޓަރުންނާ މުޚާޠަބު ކުރައްވަމުން ވިދާޅުވިއެވެ.

ރާމްގޫލަމް ވަނީ 1995 އިން 2000 އަށް އަދި 2005 އިން 2014 އަށް ބޮޑުވަޒީރުކަން ކުރައްވާފައެވެ.

މި އިންތިޚާބުގައި މޮރިޝަސްއަށް 60 ގޮނޑި ކަނޑައެޅިފައިވާއިރު، ރޮޑްރިގަސް ޖަޒީރާއަށް 2 ގޮނޑި ކަނޑައެޅިފައިވެއެވެ. އަދި "ބެސްޓް ލޫޒަރ" ނިޒާމުގެ ދަށުން އގެ ދަށުން އިތުރު 8 ގޮނޑި ކަނޑައެޅިފައިވެއެވެ.

އިންޑިއާ ކަނޑު ހިއްސާކުރާ ޖަޒީރާ ގައުމު މޮރިޝަސްއަކީ ގާތްގަނޑަކަށް 1.3 މިލިއަން މީހުންގެ އާބާދީއެކެވެ. މޮރިޝަސްގެ އިޤްތިޞާދު ބިނާވެފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމާއި، މާލީ ޚިދުމަތްތަކާއި، ޓެކްސްޓައިލް އިންޑަސްޓްރީގެ މައްޗަށެވެ. މި ޤައުމަކީ އެފްރިކާގެ އެންމެ ތަރައްޤީވެފައިވާ އަދި މުއްސަނދި ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. މޮރިޝަސްގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ޕާލިމެންޓަރީ އިންތިޚާބު ބާއްވައެވެ. މި އިންތިޚާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ހޯދާ ޕާޓީއަކަށް ސަރުކާރު އެކުލަވާލުމުގެ ފުރުޞަތު ލިބެއެވެ. މިފަހަރުގެ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއަކީ ޤައުމުގެ ސިޔާސީ މަޝްރަޙުގައި އައު ބަދަލުތަކެއް އަންނާނެކަމުގެ ނިޝާނެއް ކަމުގައި ބެލެވެއެވެ.